ކޯވިޑް-19

ކޯވިޑް-19 : އެއަރޕޯޓުގައި މަސައްކަތްކުރާ ކުންފުންޏެއްގެ 45 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގައި ސަބް-ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ކުންފުންޏެއްގެ 45 މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މި 45 މުވައްޒަފުންނަކީ އެއަރޕޯޓުގައި ކުރިއަށްދާ މަސައްކަތްތަކުގައި ސަބް-ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ޗައިނާ ހަބަރ އިންޖިނިއަރިންގ ކޮމްޕެނީގެ މުވައްޒަފުންތަކެއް ކަމަށެވެ. އަދި މި އެންމެނަކީވެސް ބިދޭސީންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، މި ކޭސް އިތުރަށް ބަލަމުންދާކަމަށާއި، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށެވެ.

"މާލޭ ސަރަޙައްދުގައި ކޭސްތައް ގިނަވެފައި ވަނީ ޗައިނާ ހަބަރ އިންޖިނިއަރިންގ ކޮމްޕެނީ ކިޔާ ކޮމްޕެނީއަކުން އެއީ އެއަރޕޯޓުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކެއްގެ ސަބްކޮންޓްރެކްޓަރއެއްގެ ގޮތުގައި މަސައްކަތްކުރާ ކުންފުންޏެއް. އެކުންފުނިން އެކި ސަރަޙައްދުތަކުން ބޭރު މީހުން ނަގައިގެން މަސައްކަތަށް ގެންގޮސްފައި އޭގެ ތެރެއިން ބައެއް މީހުން ޓެސްޓްކުރުމާއެކު މީގެ ތެރެއިން 45 މީހަކު ޕޮޒިޓިވްވެފައިވުމުން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީން މިމަހުގެ 4 ވަނަ ދުވަހު ނެގި ސާމްޕަލެއް ފުރަތަމަ ޕޮޒިޓިވް ކަމަށް ދެއްކިނަމަވެސް، ފަހުން ބެލުމުން އިން-ކޮންކްލޫސިވް ރިސަލްޓެއްގެގޮތުގައި ދައްކާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން ބަލި މީހާގެ ދެވަނަ ސާމްޕަލެއް ނަގާ ޓެސްޓްކޮށް ނަތީޖާ ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި ކޭސް އާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން ކަރަންޓީނުގެ އުޞޫލާ ޚިލާފުވެފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް އައްޑޫގައި އަދި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަން ފާހަގަކުރެވިފައިނުވާކަމަށްވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.