އިންޑިއާގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމުގެ ގޮތުން ވީޑިއޯ ސްޓްރިމިން ޕްލެޓް ފޯމް "ވޫޓު"އާއެކު އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.
އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިން ކުރިޔަށް ދާނީ ޑިސެމްބަރުމަހުގެ ތިނަކާއި ހަމައަށްކަމަށެވެ.
މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ހާމަކުރާގޮތުގައި ވޫޓް ޕްލެޓްފޯމްގައި ކުރިޔަށްދާ މިކެމްޕެއިނުގެ މަގްސަދަކީ، އިންޑިޔާގައި ކުރިއަރަމުން އަންނަ ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމްގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް އިންޑިއާގެ އެކި ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް މިވަގުތު ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ އަދި އެންމެ ރައްކާތެރި، މަންޒިލަކީ ރާއްޖޭގެ ގޮތުގައި ދައްކައި ދޭނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.
ރީޑިސް ކަވާ މޯލްޑިވްސް... ދަ ސަނީ ސައިޑް އޮފް ލައިފް ކެމްޕެއިން ދަށުން ކުރިއަށްގެންދާ މި ކެމްޕެއިންގައި ވޫޓް ޕްލެޓްފޯމްގައި ރާއްޖޭގެ އިޝްތިހާރުތައް ޖަހައި ދިއްލީ، މުމްބާއި، ހައިދްރައާބާދު، ޗެންނާއި، ކޮޗިން އަދި އަހްމަދު އާބާދް ފަދަ ސިޓީތަކުގެ އޯޑިއެންސަށް ރާއްޖެ އިޝްތިހާރު ކުރެވިގެންދާނެއެވެ.
ވޫޓް ޕްލެޓްފޯމަކީ އިންޑިޔާގައި ކުރިއަރަމުން އަންނަ އަދި މަޝްހޫރު އޯވާ ދަ ޓޮޕް (އޯ.ޓީ.ޓީ) ވީޑިއޯ އޮން ޑިމާންޑް ސްޓްރީމިން ޕްލެޓް ފޯމެކެވެ. މި ޕްލެޓްފޯމުގައި މަހަކު 15 މިލިއަން ސަބްސްކްރައިބާސް ހިމެނޭއިރު ވޫޓަކީ އިންޑިޔާގެ އެހެނިހެން އޯ.ޓީ.ޓީ ޕްލެޓް ފޯމްތަކާއި އަޅާބަލާއިރު އެންމެ މަޤުބޫލު އެއް ޕްލެޓްފޯމެވެ.
އެމްއެމްޕީއާރުސީން ދަނީ އިންޑިއާއަށް ޚާއްސަކޮށްގެން ބޮޑެތި މާކެޓިން ހަރަކާތް ތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި އިންޑިއާގެ ވެޑިން އަދި ހަނީމޫން ސެގްމެންޓަށް ޚާއްސަ ކުރެވިގެން ކުރިޔަށްދާ ކެންޕެއިނާއި އިންޑިއާގެ ބޮޑެތި ސިޓީތަކަށް ޙާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ރޭޑިޔޯ ކެމްޕެއިނާއި އަދި ފެމެލިޔަރައިޒޭޝަން ޓްރިޕްތައް ހިމެނެއެވެ.
މީގެ އިތުރުން ސާޓޭ ޖެން އެކްސް އަދި އޯޓީ.އާރު ގައި ވެސް އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައެވެ. އިންޑިއާ މާކެޓުގައި ކުރިއަށްދާ ޚަރަކާތްތަކުގެ އިތުރުން ވެސް ވިޒިޓް މޯލްޑިވްސްއިން ދަނީ އެހެން މާކެޓް ތަކުގައި ބޮޑެތި ކެންޕެއިންތައް ކުރިޔަށް ގެންދަމުންނެވެ. މީގެ ތެރޭގައި ސައުތު ކޮރެއާ ގައި ކުރިއަށްދާ އައުޓްޑޯ ކެމްޕެއިން. ސީ.އެން.އެން އާއެކު ކުރިޔަށްދާ ގްލޯބަލް ކެންޕެއިން ފާހަގަކޮށްލެވެއެވެ.
15 ޖުލައިގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ވިޒިޓް މޯލްޑިވްސް އިން ވަނީ ރީޑިސްކަވާރ މޯލްޑިވްސް ދަ ސަނީސައިޑް އޮފް ލައިފްގެ ނަމުގައި ގްލޯބަލް ކެންޕެއިނެއް ފަށާފައެވެ. މި ކެންޕެއިންގެ މައިގަނޑު މަޤްސަދަކީ ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިންނަށް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގޮތުގައި ދައްކައިދީ، ފަތުރުވެރިން ރާއްޖެ އައުމަށް ޝައުގުވެރިކުރުވުންކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.
އިންޑިޔާ އާއި ރާއްޖޭގެ ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބްލްސްގެ އެއްބަސްވުމުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަށް އަންނަ ފްލައިޓްތައް ދަނީ އިތުރު ވަމުންނެވެ. އަދި އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް އަންނާނީ އިތުރުވަމުންނެވެ. މީގެ ސަބަބުން މެދުއިރުމަތި އަދި ރަޝިޔާ ފަދަ ޤައުމުތަކެކޭ އެއްގޮތަށް އިންޑިޔާ ވަނީ ފޯކަސް މާކެޓެއްގެ ގޮތުގައިވެފައިކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.