"އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ" އީ.އެމް.ސީގެ ނަމުގައި ޒުވާނުން ބާރުވެރިކޮށް ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް އުފައްދައިފިއެވެ.
ޕޮލިޓެކްނިކްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މި ޖަމިއްޔާ މަސައްކަތްތައް ފަށްޓަވައިދެއްވާ، ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ސަޢީދެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ސަޢީދު ވަނީ މުޖުތަމަޢުގައި ހުރި ނުރަނގަޅު ސިފަތައް ނައްތާލާ، އިޖްތިމާޢީ ގުޅުން ވަރުގަދަކޮށް، ޤައުމު ކުރިއެރުވުމުގައި އަމިއްލަ ޖަމިއްޔާ ޖަމަޢާތްތަކުގެ ދައުރާއި ބައިވެރިވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި މުޖުތަމަޢުގައި ނަމޫނާ ދެއްކުމުގައި ޒުވާނުންނަށް އަދާކުރެވޭނެ ދައުރުގެ މައްޗަށް އޭނާ ވަނީ އަލިއަޅުވާލާފައެވެ.
އީ.އެމް.ސީއާއި ގުޅޭގޮތުން ވާހަކަދައްކަމުން އެ ޖަމިއްޔާގެ ކޯ ފައުންޑިންގ މެންބަރެއްކަމަށްވާ އައިމިނަތު ރީމާ ރަޝީދު ވިދާޅުވީ، ޒުވާނުންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަދި މުޖުތަމަޢުއަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ އެ ޖަމިއްޔާގެ މުހިއްމު ބޭނުމެއްކަމަށެވެ. އަދި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ، މުޖުތަމަޢުގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ފަންނީ، އިޖުތިމާޢީ، ތަފާތު ހަރަކާތްތައް ޖަމިއްޔާގެ ފަރާތުން ކުރިއަށްގެންދާނެކަމަށް ރީމާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އީ.އެމް.ސީ ވުޖޫދަށް ގެނައުމުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިއުމެއް އެފަރާތްތަކަށް ވަނީ ހަވާލުކޮށްފައެވެ.
"އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ" އީ.އެމް.ސީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޒުވާނުން ކުރިއެރުވުމަށްޓަކާ އިޖުތިމާޢީ-އިޤްތިޞާދީ ދާއިރާތަކުންނާއި، ނަފްސު އަދި ފަންނީގޮތުން ޒުވާނުންނާއި މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ ކުރިއެރުވުމަށް ދިރާސާކުރުމާއި، ޝާޢިރުކުރުމާއި، އެކަކު އަނެކަކުގެ ޚިޔާލު ބަދަލުކުރުމަށާއި، އެކިއެކި ކަންކަމާގުޅުންހުރި މަޢުލޫމާތު ބަދަލުކުރުމަށް ފޯރަމެއް ހެދުން ހިމެނެއެވެ. އަދި މިފަދަ ކަންކަމާގުޅުންހުރި މަސައްކަތްކުރާ އެހެނިހެން ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމާއި، މުޖުތަމަޢުގައި ދިމާވެފައިހުރި ކަންބޮޑުވާ މައްސަލަތަކަށް އެދެވޭ ބަދަލެއް ގެނައުމަށް މަސައްކަތް ކުރުން ހިމެނެއެވެ.
މީގެ އިތުރުން ޒުވާނުންނަކީ އަމިއްލަ ނަފްސަށް ހޭލުންތެރިވާ، ދިމާވާ ކަންކަމަށް ހުޝިޔާރުވެ، އަމިއްލަ ނަފްސަށް އަޅާލާ ބަޔަކަށް ހެދުމަށާއި، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަކީވެސް މި ޖަމިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.