ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށާއި، އިތުރުން ދެ ބޭފުޅަކަށް އެކިވަރުގެ އަނިޔާ ލިބިވަޑައިގެންފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، މިއަދު ހެނދުނު ހިނގި މިހާދިސާގައި ރައީސްއަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިވަޑައިގެންފައިނުވާކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމަށާއި، އިތުރު 2 ބޭފުޅަކަށް އަނިޔާ ލިބިވަޑައިގެންފައިވާކަމަށެވެ. ރައީސްގެ އަނބިކަނބަލުންގެ އިތުރުން މި ހާދިސާގައި އިތުރު އަނިޔާތަކެއް ލިބިފައިވަނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓްރީ ފާތުމަތު މުހައްމަދު ސޯލިޙް އަދި ރައީސްގެ ބޮޑީގާރޑް އަބްދުލް ނާސިރުއަށް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ މައުލޫމާތުދެއްވިއެވެ.ރައީސްގެ އަނބިކަނބަލުން އަދި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓްރީއަށް އައި.ޖީ.އެމް.އެޗްގައި މިހާރު ފަރުވާދެމުންދާއިރު، ރައީސްގެ ބޮޑީގާރޑަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ރައީސް އޮފީހުގެ މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މިހާދިސާގައި ރައީސްގެ އަނބިކަނބަލުންނަށް ސީރިއަސް ޒަޙަމްތަކެއް ލިބިވަޑައިގެންފައިނުވާކަމަށެވެ. ރައީސް ޔާމިން ދަތުރުކުރެއްވި ލޯންޗް މިވަގުތު އޮތީ އެމް.އެން.ޑީ.އެފްގެ ބެއްލެވުމުގެ ދަށުގައިކަމަށާއި، މިހާދިސާގެ ތަޙްޤީޤު މިހާރުކުރިއަށްދާ ކަމަށްވެސް ރައީސް އޮފީހުގެ މިނިސްޓަރ ވިދާޅުވިއެވެ. ރައީސް ދަތުރުކުރެއްވި ލޯންޗްކޮޅުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން، ވަޒީރުންގެ ފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން އެމަނިކުފާނުގެ އާއިލާގެ ބައެއް މެމްބަރުންވެސް ތިއްބެވިއެވެ.މިހާދިސާ ހިނގާފައި މިވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެވަޑައިގަތް ލޯންޗްކޮޅު އިއްޒުއްދީން ފާލަމާއި ކައިރިކުރައްވަނިކޮށެވެ.