ވިޔަފާރި

ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭގޮތް ބީއެމްއެލުން ހަމަޖައްސައިފި


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ވިދާޅުވީ މި ބަދަލާއެކު ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާ ނަގާއިރު ފީ ގެގޮތުގައި ކުރިން ނަގަމުން އައި 10 ރުފިޔާ ނުނަގާނެކަމަށެވެ. އެކައުންޓުން ފައިސާ ނެގުމުގެ އިތުރަށް މިވަގުތު 40 ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

މިބަދަލާއި ގުޅޭގޮތުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ފީ ނެގުން ހުއްޓާލެވިގެން މިދިޔައީ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށެވެ.

" ކޭޝް އެޖެންޓް ވިއުގަ ފުޅާކުރެވިގެންދިޔުމާއެކު މިވަނީ ބޭންކިންގ ހިދުމަތް ހޯދުމަށް އެންމެ ކައިރީގައިވާ އޭޓީއެމް ނުވަތަ ބްރާންޗަށް ކަސްޓަމަރުން ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެވިފަ. އަދި މި ހިދުމަތާއެކު ރަށްރަށުގައި މިވަނީ ފަސޭހަކަމާއެކު އަސާސީ ބޭންކިންގ ހިދުމަތް ހޯދޭނެ މަގުފަހިވެގެން ގޮސްފަ." ޓިން ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށްޓަކައި ބީއެމްއެލުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ އެ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ދިނުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ.

މިހާރު 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް ބީއެމްއެލުން ދަނީ ފޯރޮކޮށްދެމުންނެވެ. އަދި 40 އެޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ.