ކޯވިޑް-19

ކުދި ޖަޒީރާ ޤައުމުތަކުގެ ދިފާޢުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތުކުރައްވައިފި


ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ބަޔަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ރައްޔިތުން ކަން ފާހަގަކުރައްވައި, އެ ޤައުމުތަކުގެ ދިފާޢުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވައިފިއެވެ.

އެ މަނިކުފާނު މިގޮތަށް ވާހަކަފުޅު ދައްކަވާފައި މިވަނީ 3ވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާޙުކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ޚާއްޞަ ޙަފުލާގައި ތަޤުރީރު ކުރައްވަމުންނެވެ.

އެކި ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާއި އެ ޤައުމުތަކުގެ ކުރިމަގަަށް އޮތް ހުރަސްތައް ވަޒަންވެގެން ގޮސްފައިވާ ކަމުގައެވެ. އެގޮތުން, ދިވެހި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވެމުންދާ މިންވަރަށް ބަލައި ރާއްޖޭގެ ބޯޑަރު މިހާރު ހުޅުވައިލާފައިވާކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ޙާލަތާމެދު ވިސްނާއިރު, ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ޤައުމުތަަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަންނަން ދަތިވާނެ ކަމުގައެވެ. އަދި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީ ގޮތުންނާއި ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ, މިއީ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން އިތުރަށް ވިސްނަން ޖެހިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން, ކޯވިޑް-19ގެ ޙާލަތުން ކުރިއަށް އޮތް އަހަރެއް ނުވަތަ 2 އަހަރުގެ ތެރޭގައި މިންޖުވެވުނު ނަމަވެސް, މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދުމަ ނައްތައިލެވެން ނެތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި, އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޯވިޑް-19 އަށްވުރެ ވެސް ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރެެއްވިއެވެ.

ކޯވިޑް-19 ގެ ޙާލަތާއެކު މުހިންމު ދެ ފިލާވަޅެއް އަޅުގަނޑުމެން ލިބިގަންނަން ޖެހޭކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ފުރަތަމަ ކަމަކީ ދުނިޔެއަށް ކުރިމަތިވާ މި ފަދަ އެކިއެކި ކާރިސާތަކަކީ ޤައުމުތަކުގެ ބޯޑަރުތަކަށް އިޙުތިރާމުކުރާ, ނުވަތަ ވަކި ޤައުމަކާމެދު ތަފާތުކުރާ ކާރިސާތަކެއް ނޫން ކަމުގައެވެ. ދެވަނަ ފިލާވަޅެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ, ދުނިޔޭގެ ހުރިހާ ޤައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ މިފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެ ކަމެވެ. އަދި, މުޅި ދުނިޔޭގެ ކުރިމަގު ރައްކާތެރިކޮށް, ކުރިއަށް ޖީލުތަކަށް ފޯރުކޮށްދެވޭނީ މި ގޮތުގައި އެކުގައި މަސައްކަތްކޮށްގެން ކަމުގައި ވިދާޅުވިއެވެ.