ކޯވިޑް-19

ސީރޯ ޕްރިވަލެންސް ސަރވޭގެ ނަތީޖާ މިމަހުގެ ތެރޭގައި އާއްމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޑރ. ނަޒްލާ


ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ ސީރޯ ޕްރިވަލެންސް ސަރވޭގެ ހޯދުންތައް މިމަހުގެ ތެރޭގައި އާއްމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ސީރޯ ޕްރިވަންލެންސް ސަރވޭއަށް ގްރޭޓަރ މާލޭ ސަރަހައްދުން ބޭނުންވާ އެންޓިބޮޑީ ޓެސްޓުގެ ސާމްޕަލް ނެގުމުގެ ކަންކަން މިހާރު އެއްކޮށް ނިމިފައި ވާކަމަށެވެ. އަދި މި ސަރވޭގެ ހޯދުންތައް މިމަސް ނިމުމުގެ ކުރިން ހިއްސާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި އެންޓިބޮޑީ ޓެސްޓުތަކަކީ ދިރާސާއެއް ކުރުމުގެ ބޭނުމުގައި ހަދާ ޓެސްޓުތަކެއްކަމުން، ޓެސްޓުގެ ނަތީޖާއަކުން ސާމްޕަލް ދިން މީހާ އިތުރުކަމެއް ކުރަން ނުޖެހޭނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ސީރޯ ޕްރިވެލަންސް ސަރވޭއަކީ، ރާއްޖޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގްރޭޓަރ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން މި ބައްޔަށް ހުށައެޅިފައި ވަނީ އާބާދީގެ ކިތައް އިންސައްތަ މީހުންތޯ ދެނެގަނެ، ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.

މި ސަރވޭއަށް ބޭނުންވާ ސާމްޕަލްތައް ނެގުމުގެ މަސައްކަތް މާލޭގައި ކޮށްފައި ވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގައެވެ. އަދި ހުޅުމާލޭގައި ސާމްޕަލް ނަގާފައިވަނީ ޖެމްސް ޕްރީސްކޫލްގައެވެ. ވިލިމާލޭގައި ސާމްޕަލް ނެގުން ކުރިއަށްގެންގޮސްފައި ވަނީ ވިލިމާލޭ ހޮސްޕިޓަލުންނެވެ. މި ސަރވޭއަށް މީހުން ހޮވާފައި ވަނީ ގްރޭޓަރ މާލޭ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން ގުރުއަތުން ހޮވާލެވުނު ބައިވެރިންނެވެ. އަދި ދިރާސާއަށް ބައިވެރިން ގުރުއަތުން ހޮވާފައި ވަނީ އެކި އުމުރު ފުރާތަކަށް ބަހާލައިގެންނެވެ.

ސީރޯ ޕްރިވެލަންސް ސަރވޭގެ މަސައްކަތް އެޗް.ޕީ.އޭއިން ފަށާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. 4 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ފުރަތަމަ ބުރުގައި ސާމްޕަލް ނެގުމުގެ މަސައްކަތް އެޗް.ޕީ.އޭއިން ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކުއެވެ.

ފުރަތަމަ ބުރުގައި ސާމްޕަލް ނަގާފައިވަނީ ހަމައެކަނި 18 އަހަރުން ދަށުގެ ކުދިންގެއެވެ. މިއީ އެންޓި ބޮޑީ ޓެސްޓަކަށްވުމުން މި ސަރވޭގައި ޓެސްޓް ހަދަނީ އާންމުކޮށް ލޭގެ ޓެސްޓް ހެދުމަށް ބޭނުންކުރާ މިންވަރަށްވުރެ މަދުން ލޭ ނަގައިގެންނެވެ. އަދި ލޭ ނަގާނީ ރެޕިޑް ރެސްޕޮންސް ޓީމުންނެވެ.