ކޯވިޑް-19

ކޯވިޑް-19 : ސިނަމަން ވެލިފުށީ ރިސޯޓުގެ 2 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ


ވ. އަތޮޅުގައި އޮޕަރޭޓްކުރަމުންދާ ސިނަމަން ވެލިފުށީ ރިސޯޓުން 2 މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ސިނަމަން ވެލިފުށީ ރިސޯޓުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 2 ބިދޭސީންކަމަށާއި، އެ ދެމީހުން ޕޮޒިޓިވްވެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުކަމަށެވެ. އަދި މި 2 މީހުންވެސް ބައްޔަށް ޕޮޒިޓިވެފައިވަނީ ޢަލާމަތްތައް ފެނިގެން ޓެސްޓްކުރުމުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިކަމާގުޅިގެން އެ ރިސޯޓުގެ އައުޓްބްރޭކް މޮނިޓަރކުރުމުގެ މަސައްކަތް އެ ސެންޓަރުން ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް މި ކޭސްއާއި ގުޅިގެން އެ ރިސޯޓުގައި މަސައްކަތްކުރާ 38 ސްޓާފެއްގެ ސާމްޕަލްނަގާ ޓެސްޓްކޮށްފައިވާކަމަށާއި، އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ބާކީ ތިބި ހުރިހާ ސްޓާފުންގެ ސާމްޕަލް ނެގުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

"މިކަމާ ގުޅިގެން 38 ސްޓާފުންގެ ސަމްޕަލް ނަގާ މިހާތަނަށް ޓެސްޓްކުރެވިފައިވޭ. މި 38 ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައި. ބާކީ ތިބި ސްޓާފުންގެ ތެރެއިން 77 ސާމްޕަލެއްވަނީ ނެގިފައި މިހާތަނަށް. އިރާދަކުރެއްވިއްޔާ މާދަމާ އެ ސާމްޕަލްތައް މާލެގެނެސް ޓެސްޓްކުރުމުގެ ކަންތައްތައް ކުރިއަށްދާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވ. އަތޮޅުގައި އޮޕަރޭޓްކުރަމުންދާ ސިނަމަން ވެލިފުށީ ރިސޯޓަކީ 5 ތަރީގެ ރިސޯޓެކެވެ. އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 25 ރިސޯޓަކުން މިހާތަނަށް ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ފަތުރުވެރިންނާއި، 133 މުވައްޒަފުންނެވެ.