ވިޔަފާރި

"ދަނޑުވެރި ނަފާ" ލޯނުގެ ދަށުން 22 ފަރާތަކަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފި


އެސްއެމްއީ ބޭންކުން ދޫކުރާ "ދަނޑުވެރި ނަފާ" ލޯނުގެ ދަށުން 22 ފަރާތަކަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަން އާ ހަރުފަތަކަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކޮށް މަސައްކަތްތަކަށް އިންވެސްޓުކުރެވޭނެ މަގުތައް ދަނޑުވެރިންނަށް ފަހިކޮށްދިނުމުގެ މަޤްސަދުގައި ތަޢާރަފްކޮށްފައިވާ ސްކީމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މީގެންވެސް ބޭނުންވަނީ ދަނޑުވެރިން ޒަމާނީ ޓެކްނޮލޮޖީއާއި އެކީގައި، ދަނޑުވެރިކަން ކުރުމަށްޓަކައި މިކަމަށް ވަނުން، މީގައިވެސް އަންހެން ބޭފުޅުންތަށް 30 އިންސައްތަ ލޯން ވަނީ ހާއްސަކުރެވިފައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ކޯވިޑް އާއި ގުޅިގެން ކުރިން ދަނޑުވެރިކަން ނުކުރާ ގިނަ ރަށްތަކެއްގައި މިހާރު ދަނޑުވެރިކަން ކުރަމުންދާ ކަމަށެވެ. އަދި މިއާއެކު ރަށްރަށުގެ އުފެއްދުންތެރިކަން އިތުރުވެ، ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދަނޑުވެރި ނަފާ ލޯން ސްކީމްގެ ދަށުން ލޯންތައް ދޫކުރަމުންދަނީ 6 އިންސައްތަ އިންޓްރެސްޓާއެކުއެވެ. މި ލޯން ސްކީމްގެ ދަށުން އެންމެ މަދުވެގެން ނެގޭނީ 75 ހާސް ރުފިޔާއެވެ. އަދި އެންމެ ބޮޑު އަދަދަކަށް ނޭގޭނީ 2 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އަމިއްލަ ފަރުދުންނަށް 75 ހާސް ރުފިޔާއާއި 500 ހާސް ރުފިޔާއާއި ދެމެދުގެ ފައިސާގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭއިރު ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނި އަދި ކޯޕަރޭޓިވްސްތަކަށް 75 ހާސް ރުފިޔާއާއި ދެ މިލިއަން ރުފިޔާގެ ދެމެދުގެ ލޯނު ނެގޭނެގޭނެއެވެ. އަދި ރަހުނު ނުދައްކާ ލޯނު ނެގޭނެ އެންމެ މަތީ އަދަދަކީ 75 ހާސް ރުފިޔާއެވެ.