ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި


މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ 5 ވަނަ ދައުރު ހަމަވާތީ، އެ ކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާފައިވާކަމަށެވެ. އަދި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމް ހޯމް މިނިސްޓްރީގެ ވެބްސައިޓް https://www.gov.mv/MoHA އިން ޑައުންލޯޑް ކުރެވޭނެކަމަށާއި، ރަޖިސްޓްރޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި މިމަހުގެ 19، 22، 23، 24، 25 މި ދުވަސްތަކުގެ ހެނދުނު 09:00 ން ފެށިގެން މެންދުރު 13:30 އަށް ހޯމް މިނިސްޓްރީއަށް ހުށަހެޅޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިންތިޚާބަށް 28 ފަރާތަކުން ކުރިމަތިލާފައިވެއެވެ. ހޯމް މިނިސްޓްރީން ވަނީ މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ލިސްޓް އާއްމުކޮށްފައެވެ. އަދި މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، އަންނަމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ.

މިފަހަރުގެ އިންތިޚާބުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އަދި މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ކައުންސިލުގެ މެންބަރުން އިންތިޚާބު ކުރެވެނީ މީޑިއާގެ ކަންތައްތައް ހިންގެވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވާ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ޖަލްސާއެއްގައި ވޯޓުދީގެންނެވެ. އެގޮތުން ކައުންސިލުގެ ފުރަތަމަ އިންތިޚާބު ބާއްވާފައިވަނީ 28 އޭޕްރީލް 2010 ގައެވެ.