ޚަބަރު

ޤައުމީ ކުތުބުޚާނާ 8 މަސް ދުވަހަށް ފަހު އަލުން ހުޅުވާލަނީ


މިމަހުގެ 22ވާ އާދިއްތަ ދުވަހުން ފެށިގެން ޤައުމީ ކުތުބުޚާނާ ހުޅުވާލުމަށް ނިންމައިފިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އައު ޢާންމު ޙާލަތުގައި ޤައުމީ ކުތުބުޚާނާއިން ޚިދުމަތް ދެމުން ގެންދާނީ ހަފްތާއާއެކު 3 ދުވަހުއެވެ. އެއީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި މި 3 ދުވަހުގެ މެންދުރު 12:00 އިން 15:00 އަށެވެ.

ޤައުމީ ކުތުބުޚާނާއިން ދެމުން ގެންދިޔަ ޚިދުމަތްތައް ކޯވިޑް-19 އާއި ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ މިދިޔަ މާރިޗުމަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ 8 މަސް ދުވަސް ފަހުން މިމަހުގެ 22 ވަނަ ދުވަހު ޤައުމީ ކުތުބުޚާނާ އަލުން އާއްމުންނަށް ހުޅުވާލާއިރު، ޤައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއަށް އަނބުރާ ގެންނަންޖެހޭ (ރިޓާރން) ތަކެތި، ކުތުބުޚާނާގެ ޚިދުމަތް ދެން ދޭންފަށާ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އިތުރު ޖޫރިމަނާއަކާ ނުލާ ބަލައިގަނެވޭނެކަމަށް ޤައުމީ ކުތުބުޚާނާއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ ބިންގާ އެޅީ 12 ޖުލައި 1945 ގައެވެ. އޭރުގެ އެޑިއުކޭޝަން ޑިޕާޓްމަންޓް ގެ އިސްވެރިޔަކަށް ހުންނެވި މުޙައްމަދު އަމީން ދީދީ ބިންގާ އަޅުއްވައިދެއްވި މި ޢިމާރާތައް އޭރު ނަން ދީފައިވަނީ ސްޓޭޓް ލައިބްރަރީގެ ނަމުންނެވެ. މިހާރު ބޭނުންކުރަމުންދާ ޤައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީގޮތުން އެ ނަން ބަދަލުކުރީ 1982 ވަނަ އަހަރުއެވެ.

ޤައުމީ ކުތުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަރުޝީފްއެވެ. ތަފާތު ވައްތަރުގެ ފޮތްތަކާއި ދިވެހިންގެ ތާރީޚް އެނގިގެންދާނެ އެކި ފޮތްތައް މި ކުތުބުޚާނާއިން ލިބެން އެބަހުއްޓެވެ. ކުރިން ކުޑަތަނެއްގެ ގޮތުގައު ހިންގަމުން އައި މި ކުތުބުޚާނާގެ ޖާގަބޮޑުކޮށް ކުރިން ނުލިބޭ އެތައް ޚިދުމަތްތަކެއް މިހާރު ފޯރުކޮށްދެމުން އެބަގެންދެއެވެ. ޤައުމީ ކުތުބުޚާނާ ވެފައި ވަނީ ދިވެހިބަހުގެ ފޮތްތަކުގެ އެންމެ މުއްސަނދި އެއް އަރުޝީފަށެވެ. އެތަނުގައި 10000 އަށްވުރެ ގިނަ ދިވެހިބަހުގެ ފޮތް އެބަހުއްޓެވެ.