ކަޒަކިސްތާންގެ ޤައުމީ އެއަރލައިން އެއަރ އަސްތާނާއިން އަންނަމަހު ރާއްޖެއަށް ފަށާ ދަތުރުތަކަށް ޑިމާންޑު ބޮޑުވުމުން ރާއްޖެއަށް އޮޕަރޭޓްކުރާ ފްލައިޓު އަޕްގްރޭޑްކުރުމަށް ނިންމައިފިއެވެ.
އެއަރ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 5ވަަނަ ދުވަހުއެވެ. ދަތުރުތައް ފަށާއިރު ހަފްތާއަކު ދެ ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ކުރާނެއެވެ. ދަތުރުތައް ފަށާއިރު ރާއްޖެއަށް އޮޕަރޭޓުކުރާނީ އެއަރބަސް އޭތްރީ ޓުވެންޓީ ވަން އެލް އާރު މަރުކައިގެ ބޯޓެކެވެ. މިބޯޓުގައި ބިޒްނަސް ކްލާސްގެ 16 ގޮނޑި އަދި އިކޮނޮމީ ކްލާސްގެ 150 ގޮނޑި ހުރެއެެވެ.
އެހެންނަމަވެސް އަހަރުގެ ފަހުކޮޅަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްކޮޅު ކަމަށްވުމުން އަންނަ މަހުގެ 16ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 16ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ދަތުރުތައް ކުރުމަށް ބޭނުންކުރުމަށްހަމަޖެހިފައިވަނީ ބޮއިންގ- 767 މަރުކައިގެ ބޯޓެކެވެ. އަދި މިއާއެކު އަންނަ މަހުގެ 21ވަނަ ދުވަހުން ފެށިގެން އެ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ކުރާނެއެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާ އެއަރލައިންތައް ދަނީ އިތުރުވަމުންނެވެ. އަދި ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް އޮންނަ ޑިމާންޑު ރަނގަޅުވުމުން ރާއްޖެއަށް ބާއްވާ ދަތުރުތަކުގެ އަދަދުވެސް އިތުރުކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާތަނަށް 16 އެއަރލައިންއަކުން ދަނީ ރާއްޖެ އާއި ދުނިޔޭގެ އެހެން ޤައުމުތަކާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ. މީގެތެރޭގައި ހިމެނެނީ ބައިނަލްއަޤްވާމީ 14 އެއަރލައިނާއި ރާއްޖޭގެ މޯލްޑިވިއަން އަދި ފްލައިމީއެވެ.