8 މަސް ދުވަހަށްފަހު ސަލްޓަން ޕާކު އާއްމުންނަށް މިއަދު އަލުން ހުޅުވާލައިފިއެވެ.
ސަލްޓަން ޕާކު އާއްމުންނަށް ހުޅުވާލާފައި ވަނީ ރޭ ފަތިހު 4:30 އިން ފެށިގެންނެވެ. މި ޕާކު އަލުން ހުޅުވާފައި ވަނީ ކޯވިޑް-19އާއި ގުޅިގެން އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށެވެ. އެގޮތުން ޕާކަށް ވަންނަ މީހުންގެ ހުން ބެލުމާއި އަތް ދޮވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރަށް ޕާކަށް އެއްފަހަރާ ވައްދަނީ ގާތްގަޑަކަށް ތިރީހަކަށް މީހުންނެވެ. އަދި އެ އެންމެން ވެސް ވައްދަނީ ޓެމްޕަރޭޗަރ ބެލުމަށްފަހުގައެވެ. ރައްކާތެރިކަމުގެ ފިޔަވަލުތަކާއެކު ސަލްޓަން ޕާކު ހުޅުވިނަމަވެސް ޕާކަށް ވަދެ ނިކުމެވެނީ އިސްލާމީ މަރުކަޒު ސަރަހައްދުންނެވެ. އަދި ޕާކްތެރޭގަގެ ކަންކަން ބެލެހެއްޓުމަށްޓަކައި ސިޓީ ކައުންސިލްގެ މުވައްޒަފުން އަންނަނީ ހަރާކްތތެރިވަމުންނެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، ސަލްޓަން ޕާކު އާއްމުންނަށް ހުޅުވިފައި ހުންނާނީ ކޮންމެ ރެއެއްގެ ފަތިހު 4:30 އިން ހެނދުނު 9:30އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށް ކަމަށެވެ. ޕާކު އަލުން ހުޅުވާފައި ވަނީ ބައެއް މަރާމާތުތަކަށްފަހު ކަމަށާއި، ޕާކުގައި ހަލާކުވެފައިވާ ގަސްތައް ނަގައި އެހެން ގަސްތައް ހެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
8 މަހަށް ފަހު ސަލްޓަން ޕާރކް ހުޅުވާލުމުން ފެނިގެންދިއައީ އެތަނަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިތްއުފާކޮށްލަން ގޮސް ތިބި މަންޒަރުތަކެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދު ވިދާލުވި ޕާކް އަލުން ހުޅުވާލީ ބިދޭސީން އަތުން ފީ ނެގުން ހުއްޓާލާ އެންމެނަށްވެސް ހިލޭ ވަދެވޭގޮތަށް ކަމަށެވެ. ސިފާ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މިވަގުތު ސަލްޓަން ޕާކުގައި ހުރި އަތްދޮވެވޭނެ އިންތިޒާމްތައް އަދިވެސް އިތުރުކުރަމުންދާނެ ކަމަށާއި ތަން ސާފުކޮށް ބޭއްވުމަށްޓަކައިވެސް މަސައްކަތްކުރަމުންދާނެ ކަމަށެވެ. މިގޮތުން ހެނދުނު 9:30ގައި ބަންދުކޮށް އަލުން ހަވީރު ހުޅުވާއިރުވެސް ހުޅުވާނީ ސާފުކޮށްފައި ކަމުގައި ސިފާ ވިދާޅުވިއެވެ.
ސަލްޓަން ޕާކު ވިރާނާވުމަށް ދޫކޮށްލާފައިވާކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވައި ސިޓީ ކައުންސިލުން ވިދާޅުވީ، އެތަން ބަލަހައްޓަމުން އަންނަކަމަށެވެ. އެގޮތުން މިހާރުވެސް 40 އަށްވުރެ ގިނަ މުވައްޒަފުން އެތަން ބަލަހައްޓަން ތިބޭކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތު ރަނގަޅުވުމުން މިހާރަށްވުރެ ބޮޑަށް ޕާކު ތަރައްޤީކުރުމަށް އިސްކަންދޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް ގްރޭޓަރ މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ.
ޕާކްތަކާއި މައިޒާންތައް ހުޅުވާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލުގައިވާގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކް އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، ޢަތުގެ ސާފުތާހިރުކަން) ފަދަ ކަންކަން ޕާކު ނުވަތަ މައިޒާނަށް ވަންނަ ދޮރު ކައިރީގަ އާއި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބަހައްޓަން ޖެހޭނެއެވެ.