މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަމަހުގެ މެދުތެރޭ ހުޅުވުމުގެ އުއްމީދު އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނީ އެޗްޕީއޭއިން އެހުއްދަ ދިނުމުންކަމަށެވެ. އަދި މާލޭގައި ކޭސްތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު މިމަހުގެތެރޭގައި ހުއްދަ ދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
"ކުރިން އުއްމީދުކުރިން ނޮވެމްބަރު މެދެއްހާ ހިސާބުގައި ހުއްދަ ލިބޭނެ ކަމަށް، އެހެން ނަމަވެސް ކޭސްތައް އިތުރުވެފައިވުމުން މިމަސްތެރޭ ހުއްދަ ދެވޭނެ ހެނެއް ހިޔެއް ނުވޭ. އެޗްޕީއޭއިން ދުރާލާ ހުޅުވޭނެ ދުވަހެއް ލިބުންވެސް އެއީވަރަށް މުޙިންމު ކަމަކަށްވާނެ، ހުޅުވޭނެ ދުވަހެއް އެނގުމުން ގެސްޓުހައުސްތަކާއި ހޮޓާތަކަށް އެޑްވާންސްކޮށް ބުކިންސްތައް ނަގަން އެނގޭނެ،" ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އަންނަމަސްތެރޭ މާލޭގެ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ނުލިބުނު ނަމަވެސް ފަތުރުވެރިކަމުގެ މި ހައި ސީޒަން ތެރޭގައި އެތަންތަން ހުޅުވުމުގެ ހުއްދަ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މާލޭ ސަރަހައްދުގައި ކޯވިޑް-19ގެ ކޭސްތައް މަދު ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެންމެން ގުޅިގެން މިކަން ކުރެވޭނެ ކަމަށެވެ.
" އެންމެން ގުޅިގެން މިކަން ކުރެވޭނެ، އުއްމީދަކީ ޑިސެމްބަރު މެދެއްހާ ހިސާބުގަ ގެސްޓުހައުސްތައް ހުޅުވުން، އެ ހިސާބަށް ދިޔުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ފަތުރުވެރިކަމުގެ 60 އިންސައްތައަށްވުރެ ގިނަ އެނދު މިހާރު ރާއްޖޭގައި އޮޕަރޭޝަނަށް ގެނެވިފައިވެއެވެ. ޓޫރިޒަމް މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވަނީ މާލެ ސަރަޙައްދުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނީ ކޯވިޑް-19އަށް ފޮޒިޓިވްވާ މީހުންގެ އަދަދު 5 އިންސައްތައަށް ނާރުވާ ވިދިވިދިގެން 2 ހަފްތާ ހިފަހައްޓާލުމުން ކަމަށެވެ.
212 ދުވަހަށްފަހު މިމަހުގެ 15 ވަނަ ދުވަހު ވަނީ މާލެ ސަރަޙައްދު ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައެވެ. ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދެއްވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނަށެވެ. މިއީވެސް އެރަށެއްގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައެވެ. އެގޮތުން ގެސްޓްހައުސްތައް ހުޅުވުމުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ޢުސޫލުގައިވާ ގޮތުން ގެސްޓްހައުސްގެ ޚިދުމަތްފެށުމުގެ ހުއްދަ ދެނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ.