ކޯވިޑް-19

ކޯވިޑް-19 : މާފުށިން ޕޮޒިޓިވްވި ފަތުރުވެރިޔާ އެރަށުގައި 27 ދުވަސް ހޭދަކޮށްފައިވޭ - އެޗް.އީ.އޯ.ސީ


ކ.މާފުށިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ އެރަށުގައި 27 ދުވަސް ޗުއްޓީގައި ހޭދަކޮށްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މާފުށިން ކޯވިޑް-19 އަށް އެ ފަތުރުވެރިޔާ ޕޮޒިޓިވްވެފައިވަނީ އޭނާ ޗުއްޓީ ނިންމާލުމަށްފަހު ފުރުމުގެ ކުރިން ނެގި ޑިޕަރޗަރ ސާމްޕަލުންކަމަށެވެ. އަދި މިހާތަނަށް އެއްކުރެވިފައި ހުރި މަޢުލޫމާތުތަކަށް ބަލާއިރު، އޭނާ އެރަށުގައި 27 ދުވަސް ހޭދަކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިކަމާގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މާފުށިން ޓޫރިސްޓަކު ޕޮޒިޓިވްވެފައިވަނީ އޭނާގެ ޑިޕަރޗަރ ސާމްޕަލެއް ނަގާ ޓެސްޓްކުރުމުން. އޭނާ މާފުށީގައި ގާތްގަނޑަކަށް 27 ދުވަސް މިވަނީ ޗުއްޓީ ހޭދަކޮށްފައި އޭނާގެ ދަތުރުގައި. އެހެންކަމުން އަޅުގަނޑުމެން ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތާއި ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ނެގުމާއި ރަށު ތެރެއިންވެސް އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށްދާތީވެ ރަށް މޮނިޓަރިންގއަށް ލާފައިވަނީ"

ކ. މާފުއްޓަށް އަރާ ފޭބުން މަނާކޮށް، އެ ރަށް މޮނިޓަރިންގގެ ޙާލަތަށް ލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ 15:43 އިން ފެށިގެންނެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މާފުށީ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައިވަނީ ކޯވިޑް-19އާ ގުޅިގެން ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނިޓަރިންގއަށް ލާފައިވާކަމަށެވެ.

މާފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗް.ޕީ.އޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އެރަށް މޮނިޓަރިންގގެ ޙާލަތަށް ލުމާގުޅިގެން، އެޗް.ޕީ.އޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެއެޖެންސީން ވަނީ އެދިވަޑައިގެންފައެވެ.

ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖޭގެ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން މި ސިނާއަތް ފަތުރުވެރިންނަށް ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓްހައުސް ސިނާއަތް ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ ފަތުރުވެރިންގެ ބަޔަކު ގޮސްފައިވަނީވެސް މާފުއްޓަށެވެ.