ހޯރަފުއްޓަށް މޯލްޑިވިއަނުން ފަށާ ދަތުރުތަަކަށް އޮތް ޑިމާންޑް ބޮޑުވެ މި މަހުގެ 28ގައި އިތުރު ފްލައިޓެއް ބޭއްވުމަށް ޝެޑިއުލްކޮށްފިއެވެ.
މޯލްޑިވިއަންއިން ހާމަކުރާގޮތުގައި އެ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ހޯރަފުއްޓަށް ފެށުމަށް ހަމަޖެހިފައިވާއިރު މިހާރު އެދުވަހުގެ ފުލައިޓު ފުލްވެފައި ވާކަމަށެވެ.
މޯލްޑިވިއަނުން މީގެކުރިން ތާވަލްކޮށްފައި އޮތީ ހޯރަފުއްޓަށް ކުރާ ފުރަތަމަ ދަތުރު މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ފަހު ޑިސެމްބަރު މަހުން ފެށިގެން ހަފްތާއަކު 3 ފްލައިޓު ބޭއްވުމަށެވެ. އެހެން ނަމަވެސް ޑިމާންޑު ބޮޑުވެ މިހާރު މިވަނީ މިމަހުގެ 28 ވަނަ ދުވަހުވެސް ދަތުރެއް ބޭއްވުމަށް ނިންމާފައެވެ.
މޯލްޑިވިއަނުން ހާމަކުރާގޮތުގައި އެ އެއަރލައިނުން ހަފްތާއަކު 3 ފްލައިޓު ބާއްވާނެއެވެ. ނަމަވެސް މި ދަތުރުތައް ބާއްވާނެ ދުވަސްތައް މޯލްޑިވިއަނުން އަދި ހާމައެއް ނުކުރެއެވެ.
މާލެއިން ހޯރަފުއްޓަށްކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ މާލެއިން ހ.ދ ކުޅުދުއްފުއްޓަށާއި ހ.ދ ހަނިމާދޫއަށްކުރާ ދަތުރުތަކުގެ އަގާއި ދާދި އެއް އަގެއްގައި ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ. މިހާރުވެސް މިދެއެއާޕޯޓަށް ގާތްގަނޑަކަށް 1113ރ.އަށް އެއްކޮޅަށް ދަތުރު ކުރެވެއެވެ.
ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެއާޕޯޓު ހުޅުވުމުގެ ކުރިން 16 ވަނަ ދުވަހު އެއާޕޯޓަށް ކާމިޔާބު ކަމާއިއެކު ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ.
ހޯރަފުށީ އެއާޕޯޓަށް ދަތުރުފެށުމާއިއެކު ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން، މާލެ އާއިއެކު ރާއްޖޭގެ 16 ސަރަހައްދަކަށް ދަތުރު ކުރާނެއެވެ.