ކޯވިޑް-19

ފުރަބަންދު ކަރަންޓީނަށް 14 ދުވަހަކީ ފުރިހަމަ މުއްދަތެއް، އެއީ ބަލި ހުއްޓުވުމަށް ލިބޭ ބާރެއް - ޑރ. ނަޒްލާ


ފުރަބަންދު ކަރަންޓީނަށް ކަނޑައަޅާފައިވާ 14 ދުވަހަކީ ފުރިހަމަ މުއްދަތެއްކަމަށާއި، އެއީ އަތޮޅުތަކުގައި ބަލި ފެތުރުން ހުއްޓުވުމަށް ލިބޭ ބޮޑު ބާރެއްކަމަށް ޓެގު ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ފުރަބަންދު ކަރަންޓީނަށް ލުއިތަކެއް ދިނުމާމެދު ދެކެވޭ ވާހަކަތަކާގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ރާއްޖޭގައި ފުރަބަންދު ކަރަންޓީނުގެ ގޮތުގައި ކަނޑައަޅާފައިވާ 14 ދުވަހަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ހުރި ވަޞީލަތްތަކާއި ކެޕޭސިޓީއަށް ބަލާނަމަ، ވަރަށް އެކަށީގެންވާ މުއްދަތެއްކަމަށެވެ. އަދި ފުރަބަންދު ކަރަންޓީނުން ނަތީޖާ ޙާޞިލުވާ މިންވަރާމެދު ހޯދިފައިވާ ހޯދުންތަކުގެ ބައެއް ތަފްޞީލު ޑރ. ނަޒްލާ ވަނީ ދެއްވާއެވެ.

އެގޮތުން 5 ދުވަހަށް ކަރަންޓީންކޮށްފިނަމަ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ދެނެގަނެވޭނީ އެންމެ 55 އިންސައްތަ މީހުންކަމަށާއި، އޭގެ މާނައަކީ 100 މީހުން ޕޮޒިޓިވްވާއިރު، އޭގެތެރެއިން 45 މީހުން ނޭންގި ދޫވެގެންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި 7 ދުވަހުން ދޫކޮށްލާނަމަ 80 އިންސައްތަ މީހުން ދެނެގަނެވޭނެކަމަށާއި، އޭގެ މާނައަކީ ކޮންމެ 100 އިން 20 މީހުން ދޫވެގެންދާނެކަމަށެވެ. އަދި 11 ދުވަސްކޮށްފައި ދޫކޮށްލާނަމަ 97 އިންސައްތަ މީހުން ދެނެގަނެވޭނެކަމާށާއި، އޭރުން 100 އިން ދޫވެގެންދާނީ 3 މީހުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އުޞޫލަށްބަލާއިރު، 14 ދުވަސްފަހުން ދޫކޮށްލާނަމަ 99 އިންސައްތަ ކަވަރކުރެވޭކަމަށާއި، އޭރުން ކޮންމެ 100 އަކުން ނޭންގި ދޫވުމުގެ ފުރުޞަތު އޮންނާނީ އެންމެ މީހަކަށްކަންވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގައި މި ބަލި އެންމެ ކާމިޔާބުކަމާއެކު ކޮންްޓްރޯލްކޮށްފައިވާ ޤައުމުތަކުގައިވެސް ޕްރެކްޓިސްކޮށްފައިވަނީ ފުރަބަންދަށް 14 ދުވަސް ކަނޑައެޅުމުގެ މޮޑެލްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"14 ދުވަހު އަޅުގަނޑުމެން މިހާރު މި ހަދާގޮތުން ހަދައިފިނަމަ 99 ޕަސެންޓް އެބަ ކަވަރކުރެވޭ. އޭގެ މާނައަކީ ގާތްގަނޑަކަށް އެކަކު ނޭންގި ހިނގައިދާނެއޭ. އެހެންވީމަ އަސްލު ބަލާބެލުމަށް 14 ދުވަހަކީ ވަރަށް ފުރިހަމަ މުއްދަތެއް. އެއީ އަޅުގަނޑުމެން މިހާތަނަށްވެސް އެންމެ ރަނގަޅަށް މި ބަލި ކޮންޓްރޯލްކޮށްފައިވާ ޗައިނާ، ނިއުޒިލޭންޑް، އޮސްޓްރޭލިއާ، ކޮރެއާ، ސިންގަޕޫރު، މެލޭޝިއާ މި ހުރިހާ ތަނެއްގައިވެސް 14 ދުވަސް މި ބަލަނީ" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކުން ފުރަބަންދުގެ ފިޔަވަޅުތަކަށާއި، ކަރަންޓީނުގެ މުއްދަތައް ބަދަލުތައް ގެންނަމުންދަނީ، ބަލި ކޮންޓްރޯލުކުރުމުގައި އެ ޤައުމެއްގައި ހުރި ކެޕޭސިޓީއަކަށް ރިޢާޔަތްކުރުމަށްފަހު ރައްކާތެރިކަމުގެ ބޮޑެތި ފިޔަވަޅުތަކާއެކުކަމަށެވެ. ނަމަވެސް ރާއްޖެއަށް ބަލާނަމަ، ވަކި މިންގަނޑެއްނެތި ދޫ ދޭންވެއްޖެނަމަ، ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ޞިއްޙީ ނިޒާމަށް ބުރުއަރާ، ބަލި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކަށް ގިނަ ހުރަސްތަކެއް ކުރިމަތިވެގެންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން އެބަ ބުނޭ ފުރަބަންދު މުއްދަތު ކުޑަކުރާށޭ. އޭގެ މާނައަކީ މިސާލަކަށް 7 ދުވަހަށް ކުޑަކުރީމަ 100 އަކުން 20 މީހުން ގެއްލިގެންދާނެއޭ. އޭރުން އެކަކުގެ ފަރާތުން 3 މީހުންނަށް، މިގޮތަށް ތިން ގުނަ ތިން ގުނަ ވަމުންގޮސް އަޅުގަނޑުމެންނަށް އެނގޭއިރު މުޅި ރަށުގައި އައުޓްބްރޭކްތަކެއް ފެތުރިގެންދާނެ. އަޅުގަނޑުމެންގެ އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހުރި ޙާލަތަށް ބަލަންއެބަޖެހޭ. މިގޮތަށް އައުޓް-ބްރޭކެއް ޑިޓެކްޓްނުވެ ދާއިރު ރަނގަޅު ފަރުވާއެއްދެވޭނެ ފެންވަރެއްނެތް އަތޮޅުތަކުގައެއް" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

ފަތުރުވެރިން ކަރަންޓީން ވާން ނުޖެހޭއިރު ދިވެހިން ކަރަންޓީނު ވާންޖެހެނީ ކީއްވެތޯ ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތުން ފާޅުކުރާ ޝޫޢުރުތަކަށް ރައްދުދެއްވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ފަތުރުވެރިންނަކީ ނެގެޓިވް ޕީ.ސީ.އާރް ޓެސްޓަކާއެކު އަންނަ ބަަޔަކަށްވެފައި އެމީހުންގެ ފަރާތުން ބަލި ޖެހުމުގެ ފުރުޞަތު ރިސޯޓުތަކާއި ރަށްތަކުގައިވެސް ވަރަށް ކުޑަކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ދިވެހިންގެ ފުށުން ބަލި ފެތުރޭ މިންވަރު އިތުރުކަމަށާއި، ދިވެހިންގެ ކޮންޓެކްޓް ބަބުލް ނުވަތަ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައިވެސް ގިނަ ބަޔަކު ފާހަގަކުރެވޭކަމީ ތަފާސް ހިސާބުތަކުންވެސް ހާމަވާކަމެއްކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޯވިޑް-19 އަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާއިރު، އެ ވެކްސިން ރައްޔިތުންނަށް ޖެހުމަކީވެސް ކުރަންޖެހޭ މުހިއްމު މަސައްކަތެއްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ބަލި ކޮންޓްރޯލްކުރުމާއި، ފަރުވާ ދިނުމާއި ވެކްސިން ދިނުމުގައިވެސް ހަރަކާތްތެރިވާންތިބީ އެއްބައެއްކަމަށްވާއިރު، ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވިޔަނުދީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކަކުންވެސް އިޙްތިރާމްކޮށް، އެއާ އެއްގޮތަށް ޢަަމަލުކުރެއްވުމަށް ޑރ. ނަޒްލާ ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.