ދުނިޔޭގެ ވިޔަފާރި

ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން ޔޫރަޕްގެ ޤައުމުތަކުގައި މަލުގެ ވިޔަފާރި ދަށަށް


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޔޫރަޕްގެ ޤައުމުތަކުގައި މަލުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށްގޮސްފައިވާކަމަށް ވިޔަފާރިވެރިން ހާމަކޮށްފިއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މަލުގެ ވިޔަފާރިއަށްވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. ގިނަ މާ ވިއްކާ ފިހާރަތަކެއް ބަންދުކުރަން ޖެހި، ވިޔަފާރި ކުރާ ފަރާތްތަކުން މަލުގެ ބަދަލުގައި ގޮވާން ވިއްކުމަށް އިސްކަން ދިނުން ވެގެން ދިޔައީ މަލުގެ ވިޔަފާރިއަށް މަޑުޖެހުމެއް އައި ކަމަކަށެވެ. އެގޮތުން އީޔޫގެ މަލުގެ ވިޔަފާރި އެއްކޮށްހެންވަނީ ހުއްޓުމަކަށް އައިސްފައެވެ.

އިންޓަރ ނޭޝަނަލް ފްލާވަރ ޓްރޭޑް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އޮފް ޔޫނިއަން، ފްލިއާސް ސިލްވީ މަމިއާސް އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަހަރުގެ މެދުތެރެއަކީ ތަފާތު އެކި މުނާސަބަތުތަކާއި، ކައިވެނި ހަފްލާތަކާއި މިފަދަ ކަންކަމަށް މަލުގެ ޑިމާންޑް އެންމެ ބޮޑުވާ އެއްދުވަސްވަރެވެ. އެހެންނަމަވެސް މިއަހަރުގެ މި ދުވަސްވަރު ކޯވިޑް-19ގެ ސަބަބުން ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. އެންމެ ގިނައިން މާ ބޭރުގައުމުތަކަށް އެކްސްޕޯޓްކުރާ އެއް ކުންފުނިކަމަށްވާ ރޯޔަލް ފްލޯރާ ހޮލެންޑް އޯކްޝަން ހައުސް ގެ ވިޔަފާރި އެއްކޮށް ހުއްޓިފަވާކަން ފާހަގަކޮށް މަމިއާސް ބުނެފަވަނީ މި ކުންފުންޏަކީ އާއްމުގޮތެއްގައި މަލުގެ ވިޔަފާރީގެ 40 އިންސައްތަ އެކްސްޕޯޓް ކުރާ ކުންފުންޏެއްކަމަށެވެ.

މަލުގެ ވިޔަފާރި ދަށަށް ދިއުމަށް ދިމާވި އެންމެ ބޮޑު އެއްސަބަބަކީ ދަތުރުފަތުރައް ހުރަސްއެޅި މާ ސަޕްލައި ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވުމެވެ. މީގެ އިތުރުން މަލުގެ ވިޔަފާރިވެރިންނާ އެ ވިޔަފާރީގެ އެންމެ ޑިމާންޑް ބޮޑު މާކެޓްތަކާއި ގުޅުން ހީނަރުވެގެން އަންނަ ކަންވެސް މަމިއާސް އާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ކޯވިޑް-19ގެ ސަބަބުން އެކި ޤައުމުތަކުގެ މަލުގެ ވިޔަފާރިއަށް ގެއްލުން ލިބިފައިވަނީ އެކި ވަރަށް ނަމަވެސް މި ވިޔަފާރީގައި ކުރިއަރާފައިވާ ބައެއް ޤައުމުތަކަށް ސީރިއަސް ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ. އެގޮތުން އީޔޫގެ މަލުގެ ބާޒާރުގެ 1/3 އަށް މާ ސަޕްލައި ކޮށްދޭ ކެންޔާއަށް ކޯވިޑް-19ގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތައް ފާހަގަކޮށްލެވެއެވެ. ކެންޔާގެ މަލުގެ ވިޔަފާރީގައި ހިއްސާވާ އެއްލައްކައެއްހާ މުއައްޒަފުންނަށް އާމްދަނީ ދަށްވެފައިވާއިރު މިއީ އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

ކޯވިޑް-19 ގެ ހާލަތުން މަޑުމަޑުން އަރައިގަނެވެން ފަށާފަވާއިރު މިހާރު މަލުގެ ވިޔަފާރިއަށްވެސް ދިރުން އަންނަން ފަށާފަވާކަމަށް ކެންޔާގެ ފްލާވާ ކައުންސިލްއާ ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ކެންޔާގެ މަލުގެ ވިޔަފާރިކުރާ ކުންފުނިތަކުން ކޯވިޑް-19ގެ ހާލަތާއެކު މާ ހައްދާފައިވާ ދަނޑުބިންތަކުގައި ގޮވާމުގެ ބާވަތްތަކާއި ތަރުކާރީ އިންދަން ފެށިކަމަށާއި މިކަމުގެ ސަބަބުން ވިޔަފާރިއަށް ގެއްލުން ލިބުނު ނަމަވެސް ވަރަށް ގިނަ މުއައްޒަފުންނަށް އެކަމުގެ ފައިދާ ކުރިކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ކުރިޔަށް އޮތް ތާނގައި މުޅިން މަލުގެ ވިޔަފާރިއަށް ބަރޯސާނުވެ ގޮވާމުގެ ބާވަތްތައް ހިމެނޭގޮތަށް ވިޔަފާރި ހިންގުމުގެ ވިސްނުން ގެންގުޅޭކަމަށް ގިނަ ކުންފުނި ތަކުންވަނީ ބުނެފައެވެ.