ވިޔަފާރި

ބިމު ކުލި އަންނަ މަހުން ފެށިގެން ބަލައިގަންނާނީ ކައުންސިލް ތަކުން: މީރާ


ބޮޑެތި މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ ކުލި ދެން ބަލައި ގަންނަނީ ކައުންސިލުތަކުން ކަމަށް މީރާއިން ހާމަކޮށްފިއެވެ.

މީރާއިން މިކަން ހާމަކޮށް ކުރި އިއުލާނުގައި ބުނެފައި ވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއިއެކު، ބޮޑެތި މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ ބިންތަކުން ނަގާ ކުއްޔަކީ ކައުންސިލުތަކަށް ލިބެން ޖެހޭ ފައިސާކަމަށް ކަނޑައަޅައިފައިވާ ކަަމަށެވެ.

މީރާ އިން ބުނެފައި ވަނީ މިހާތަނަށް އެފައިސާ މީރާއަށް ބަލައިގަންނަމުން އައި ކަމުގައި ވިއަސް އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، އެފައިސާ ބަލައިގަތުން ހުއްޓާލާން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިތާރީޙުން ފެށިގެން ދެން އެ ކައުންސިލެއްގެ އިޚުތިޞާޞް ތެރޭގައި ހިމެނޭ ބިންތަކުގެ ކުއްޔަށްވާ ފައިސާ ބަލައިގަންނަނީ އެކައުސިލަކުން ކަމަށް މީރާއިން ބުނެއެވެ.

އިދާރީ ދައިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 8ވަނަ އިސްލާޙު ގެނެސް ތަސްދީޤް ކުރެވިފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން މިއިސްލާހުގެ ތެރެއިން ކައުންސިލު ތަކުގެ އިޚުތިޞާޞް ކަނޑައެޅި ކައުންސިލުތަކަށް ބިންތަކުގެ މިލްކުވެރިކަން ދެވުނެވެ.

މީގެ އިތުރުން އެބިންތަކުން ނަގަމުންދާ ކުލި ދައުލަތުގެ އެހެން އިދާރާއަކަށް ދައްކަން ޖެހޭ ގޮތަށް އޮތް ނަމަ އެކަން ބަދަލު ކުރުމަށް ޤާނޫނުން ވަނީ ކަނޑައަޅާފައެވެ. މިގޮތަށް ދޫކުރެވިފައިވާ ބިންތަކުގެ އެއްބަސްވުންތަކަށް ކައުންސިލުތަކުން އިޙްތިރާމް ކުރަން ޖެހޭނެ ކަމަށްވެސް މިޤާނޫނޫ ބުނެއެވެ.