ދުނިޔޭގެ ވިޔަފާރި

"ދަ ކުއީންސް ގެމްބިޓު" ސީރީޒްގެ ކާމިޔާބާއެކު ރާޒުވާ ބޯޑުގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް


ނެޓްފްލިކްސްގެ "ދަ ކުއީންސް ގެމްބިޓު" ސީރީޒްގެ ކާމިޔާބާއެކު ރާޒުވާ ކުޅޭ މީހުންގެ ޢަދަދު އިތުރުވެ، ރާޒުވާ ބޯޑުގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

ރާޒުވާ ކުޅެން އާދަޔާ ޚިލާފަށް މޮޅު އަންހެން ކުއްޖަކު ދުނިޔޭގެ އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔާއަށްވުމަށް ކުރާ މަސައްކަތާއި އޭނާ މިއަމާޒު ހާސިލްކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ މި ސީރީޒްވަނީ އާ ރެކޯޑުތަކެއްވެސް ހަދާފައެވެ.

އެގޮތުން ތާރީޚުގައިވެސް އެންމެ ގިނަ އަދަދެއްގެ ބަޔަކު ބެލި ލިމިޓެޑު ސީރީސްއަކަށް "ދަ ކުއީންސް ގެމްބިޓު"ވަނީ ވެފައެވެ. އެގޮތުން ނެޓްފްލިކްސްއިން މި ސީރީޒް ދައްކަންފެށި ފުރަތަމަ 4 ހަފްތާގެ ތެރޭގައި 62 މިލިއަން މީހުންވަނީ މި ސީރީޒް ބަލާފައެވެ.

މި ސީރީޒްގެ ކާމިޔާބާއެކު ރާޒުވާ ކުޅޭ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާޒުވާ ބޯޑުގެ ވިޔަފާރިވަނީ %87 އިތުރުވެފައެވެ. އަދި ރާޒުވާ ކުޅުމާގުޅޭ ފޮތްތަކުގެ ވިޔަފާރިވެސްވަނީ %603އަށް އިތުރުވެފައެވެ.

އެގޮތުން އީ ބޭ އިން ހާމަކުރާގޮތުގައި "ދަ ކުއީންސް ގެމްބިޓު" ސީރީޒް ނެޓްފްލިކްސްއިން ދައްކަން ފެށިފަހުން، ރާޒުވާ ކުޅޭ ބޯޑާއި އެހެނިހެން ސާމާނުތަކުގެ ވިޔަފާރި %215 އިތުރުވެފައިވާކަމަށެވެ.

ކޯވިޑާ ގުޅިގެން ޤައުމުތަކުން ފުރަބަންދަށް ދިޔުމާ ގުޅިގެން މިއަހަރުގެ މަރޗުމަހުން ފެށިގެން ރާޒުވާގެ ވިޔަފާރިއަށް ދިޔައީ ކުރިއެރުންތައް ލިބެމުންނެވެ. އެގޮތުން ރާޒުވާކުޅޭ އެޕްތަކަށްވެސް ވަނީ ޑިމާންޑު އިތުރުވާން ފަށާފައެވެ.

އެހެންނަމަވެސް "ދަ ކުއީންސް ގެމްބިޓު" ސީރީސްއާއެކު ރާޒުވާ ކުޅޭ އެޕްތަކުގައި ޑިމާންޑުވަނީ ވަރަށް ބޮޑުވެފައެވެ. މަޝްހޫރު ރާޒުވާކުޅޭ އެޕެއް ކަމަށްވާ ޗެސް ޑޮޑް ކޮމްއިން ހާމަކުރާގޮތުން ނޮވެމްބަރުމަހު 200 މިލިއަން އާ މެމްބަރުން އެ އެޕް ބޭނުން ކުރަން ފަށާފައިވާކަމަށެވެ. އަދި މީގެތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުން ހިމެނޭ ކަމަށް ޗެސް ޑޮޑް ކޮމްއިން ހާމަކުރެއެވެ.