ވިޔަފާރި

ޗައިނާގައި ރާއްޖެ އިސްތިހާރު ކުރުމަށް މާކެޓިންގގެ ބޮޑު 2 ކެމްޕެއިން


ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި އިސްތިހާރު ކުރުމުގެ ގޮތުން ބޮޑު ދެމާކެޓިންގ ކެންޕެއިން އެމްއެމްޕީއާރުސީން ފަށައިފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ "މޯލްޑިވްސް އޮންލައިން ރޯޑްޝޯ އިން ޗައިނާ" އާއި "އިންފޮރމޭޝަން ޕޯޓަލް ފޮރ ޓްރެވެލް ޓްރޭޑް އޮން ވީޗެޓް" ގެ ނަމުގައި މަރކެޓިންގ ދެ ކެމްޕެއިން ލޯންޗުކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް އޮންލައިން ރޯޑްޝޯ ކުރިއަށް ދިޔުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. މިރޯޑްޝޯގައި "ލައިވް ވެބިނާރ"، "އޮންލައިން އެގްޒިބިޝަން" އަދި "ވަން އޮން ވަން މީޓިންސް" ހިމެނޭނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ލައިވް ވެބިނަރގެ ބޭނުމަކީ ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުން ކަމަށާ، ރޯޑްޝޯގެ "އޮންލައިން އެގްޒިބިޝަން" މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރުމާގުޅޭ އެންމެފަހުގެ މަޢުލޫމާތު ޙިއްސާކުރެވިގެން ދާނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މި ރޯޑްޝޯގައި ވިޒިޓް މޯލްޑިވްސްއާއެކު ބައިވެރިވާ ފަތުރުވެރިކަމުގެ ދާއިރާގެ 11 ކުންފުނީގެ މައުލޫމާތު ވެސް ހިއްސާކުރާނެއެވެ. "އޮންލައިން އެގްޒިބިޝަން" ކުރިއަށްދާނީ ފެބްރުއަރީ 2021ގެ ނިޔަލަށެވެ. މި ރޯޑްޝޯގެ ތެރޭގައި ވިޒިޓް މޯލްޑިވްސްއިން ވަނީ "އިންފޮރމޭޝަން ޕޯޓަލް ފޮރ ޓްރެވެލް ޓްރޭޑް" ވީޗެޓް ގައި ލޯންޗުކޮށްފައެވެ.

މި ޕޯޓަލް އަކީ ޗައިނާގެ 1.2 ބިލިއަން މިހުން ބޭނުން ކުރާ މީސްމީޑިޔާ ކަމަށްވާ "ވީޗެޓް" ގައި ހިމެނިގެން ދާނެ މިނީ ޕްރޮގްރާމެކެވެ. ޓްރެވެލް ޓްރޭޑް އިންފޮރމޭޝަން ޕޯޓަލް މެދުވެރިކޮށް ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއަށް ދަތުރުކުމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުން އައި އެއް މާކެޓެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ޗައިނާގެ ފަތުރުވެރިންނަށް ބަންދުކުރުމުގެ ކުރިން މި އަހަރުގެ ޖެނުއަރީ މަހު 31,744 ފަތުރުވެރިން ވަނީ އެ ގައުމުން ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %22ގެ ކުރި އެރުމެކެވެ. އެމްއެމްޕީއާރުސީން ދަނީ މި އަހަރު ތެރޭގައި ޗައިނާގައި ތަފާތު މާރކެޓިންގ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. މީގެތެރޭގައި "ވެއިބޯ" އަދި "ވީޗެޓް"ގައި ކުރިއަށް ގެންދާ ތަފާތު ޑިޖިޓަލް ކެމްޕއިންތަކާއި އައުޓްޑޯރ ކެމްޕެއިންތައް ޓުއަރ އޮޕަރޭޓާސް އާއި ގުޅިގެން ކުރިއަށް ގެންދިޔުން ހިމެނެއެވެ.