ވިޔަފާރި

ކޯވިޑް-19އާ އެކު ބައިސްކަލުގެ ޑިމާންޑު ބޮޑުވެއްޖެ


މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެތެރޭ ޗައިނާއިން 40 މިލިއަން ބައިސްކަލް އެކްސްޕޯޓުކޮށްފައިވާ ކަމަށް ޗައިނާގެ ބައިސިކަލް އެސޯސިއޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގައި އަހަރެއްގެ މައްޗަށް ބައިސްކަލް އުފައްދާ މިންވަރުގެ 4 ގުނައެވެ.

ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ބައިސްކަލް އުފައްދާ ޤައުމެވެ. އެގޮތުން ޗައިނާގެ ޝަންގްހާއީ ފީނިކްސް ބައިސިކަލް ކޮމްޕެނީއަކީ ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި ބައިސްކަލް އުފައްދާ އަދި އެކްސްޕޯޓުކުރާ ކުންފުންޏެވެ. އެކުންފުންޏަށް މިއަހަރުގެ ޖޫންމަހުން ފެށިގެން އޮކްޓޫބަރުމަހުގެ ނިޔަލަށް ލިބިފައިވާ ބައިސްކަލްތަކުގެ އޯޑަރު މިދިޔަ އަހަރާއި އަޅާ ބަލާއިރުވަނީ 50 އިންސައްތަ އިތުރުވެފައެވެ.

ބައިސްކަލް ބޭނުންކުރާ މީހުން މިހާބޮޑަށް އިތުރުވެފައިމިވަނީ ކޯވިޑް-19 އާއި ގުޅިގެން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމުގެ ގޮތުން ޕަބްލިކް ޓްރާންސްޕޯޓުގެ ބަދަަލުގައި އާއްމުން ބައިސްކަލްގައި ތަންތަނަށް ދަތުރުކުރުމަށް އިޚްތިޔާރުކުރުމުންނެވެ.

ޝަންގްހާއީ ފީނިކްސް ބައިސިކަލް ކޮމްޕެނީގެ މެނޭޖިިންގ ޑިރެކްޓަރ ޔޫ ޔޫފޯންގް ހާމަކުރާގޮތުގައި އެންމެ ގިނަ އަދަދަކަށް އޯޑަރުތައް ލިބެނީ ޔޫރަފުގެ ޤައުމުތަކުންނެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ޔޫރަޕުގެ ޤައުމުތަކުން އެކުންފުނީގެ ބައިސްކަލް ގަނެފައިވާ މިންވަރު 4 ގުނައަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިސްކަލްގެ ޑިމާންޑް ކުއްލިއަކަށް މިހާބޮޑުވުމުން އެ ޤައުމުތަކަށް ބައިސްކަލް އެކްސްޕޯޓުކުރުމުގައި ޗައިނާއަށް ދަތިތަކާވަނީ ކުރިމަތިވެފައެވެ. އެގޮތުން ޑިމާންޑާއި އެއްވަރަށް ބައިސްކަލްތައް އުފެއްދުނު ނަމަވެސް އެކްސްޕޯޓުކުރުމަށް ބޭނުންވާ ކޮންޓެއިނަރ ހޯދުމަށް ދަތިވެފައިވާ ކަަމަށާއި ޤައުމުން ބޭރަށް އެކްސްޕޯޓުކުރުމަށް ކުރަން ޖެހޭ ޚަރަދުވެސް ބޮޑުވަމުންދާ ކަމަށް ޔޫ ވިދާޅުވިއެވެ.

ކޯވިޑް-19އަށް ފަހުވެސް ބައިސްކަލް ބޭނުންކުރާ މީހުންގެ އަދަދުތައް ދަށަށް ދާނެ ކަމަށް ލަފާ ނުކުރެއެވެ. ސަބަބަކީ ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުކުރުމުގެ ނިޒާމަކަށް ވުމާއި ބައިސްކަލް ދުއްވައިގެން ސިއްހަތަށް ލިބޭ ފައިދާއާއި މެދުވެސް އާއްމުންގެ މެދުގައި އޮންނަ ހޭލުންތެރިކަން އިތުރުވެފައިވުން ކަމަށް ތަޖުރިބާ ކާރުން ހާމަކުރެއެވެ.