"މިޓްސްބްޝީ އޭޝިއަން ޗިލްޑްރެންސް އެނިކީ ފެސްޓާ 2019-2020" ގެ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ "ގްރޯން ޕްރީ" ހާސިލުކުރި އަރަބިއްޔާ ސްކޫލްގެ އިބާ އާމިރު އަބްދުﷲއާއިި, މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވޯޑް ހަވާލުކޮށްދެއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.
ގްރޯން ޕްރީ އެވޯޑް އެހެން އަހަރުތަކުގައި ހަވާލުކުރަނީ ޖަޕާނުގައި ބޭއްވޭ ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެހެން ނަމަވެސް ކޯވިޑް-19ގެ މި ހާލަތުގެ ސަބަބުން މި އަހަރު މި އެވޯޑް ހާސިލްކުރި ދަރިވަރުންނަށް ޖަޕާނަށް ދިއުމުގެ ފުރުސަތު ލިބިފައެއްނުވެއެވެ.
ނޭޝަނަލް ފެޑެރޭޝަން އޮފް ޔުނެސްކޯ ޖަޕާނުން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމުގައި އޭޝިއާގެ 24 ޤައުމުން ބައިވެރިވެއެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޤައުމަކުންވެސް 1 ގްރޯންޕްރީ، 3 ޔުނެސްކޯ އެވޯޑް އަދި 4 އެކްސްލެންސް އެވޯޑް ލިބޭ ދަރިވަރުން ކަނޑައަޅަނީ އިންޓަރނޭޝަނަލް ސްކްރީނިންގައެވެ.
ރާއްޖެއިން އެވޯޑް ހާސިލްކުރި ދަރިވަރުންނަކީ:
ގްރޯން ޕްރީ އެވޯޑް:
- އިބާ އާމިރު އަބްދުﷲ - އަރަބިއްޔާ ސްކޫލް
ޔުނެސްކޯ އެވޯޑް:
- އައިޝަތު މިޝީލް ބިންތް އިބްރާހިމް / މުހައްމަދު ޖަމާލުއްދީން ސްކޫލް، ފުވައްމުލައް ސިޓީ
- ފާތިމަތު ލައިޝާ މުހައްމަދު / ވަށަފަރު ސްކޫލް
- އިބްރާހިމް ޔޫސަމް ސާމިއު / މުހައްމަދު ޖަމާލުއްދީން ސްކޫލް، ފުވައްމުލައް ސިޓީ
އެކްސެލެންސް އެވޯޑް:
- ޒެއިނާ އަމްޒަތު އަހުމަދު / ހުރަވީ ސްކޫލް
- އަބާން އާމިރު އަބްދުﷲ / މަޖީދިއްޔާ ސްކޫލް
- އައިޝަތު ދާނާ އިޔާޒް / މަޖީދިއްޔާ ސްކޫލް
- އައިމިނަތު ލައިބާ އިހުސާން / މުހައްމަދު ޖަމާލުއްދީން ސްކޫލް، ފުވައްމުލައް ސިޓީ
އުމުރުން 6 އާއި 12 ދެމެދުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ޕްރޮގްރާމްގައި ދަރިވަރުން ހުށައަޅަން ޖެހެނީ ދަރިވަރުންގެ ދިރުއުޅުން ދައްކުވައިދޭ 5 ޑައިރީ / ކުރެހުމެވެ. ގްރޯން ޕްރީ އެވޯޑް ހާސިލްކުރި އިބާ ހުށައެޅީ އިބާ އެންމެ ގަޔާވެގެން ކުރާ ކަންތައްތައްކަމަށް އޭނާގެ ބައްޕަ އާމިރު ޢަބްދުﷲ ބުނެފައިވެއެވެ. އޭގެ ތެރޭގައި މޫދަށް ދިއުމާއި، ކޮތަރަށް ކާންދިނުމާއި، އީދު ނަމާދަށް ދިއުމާއި، ޓިއުޝަނަށް ދިއުން ފަދަ ކޮންމެ ދުވަހަކުވެސް އިބާ ޝައުގުވެރިކަމާއެކު ކުރާ ކަންކަން ހިމެނޭކަން އޭނާގެ ބައްޕަ ފާހަގަކޮށްފައިވެއެވެ.
މި ޕްރޮގްރާމްގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ހިސާބުތަކުން 500 ދަރިވަރުން ބައިވެރިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.