އުފެދުނުފަހުން މިހާތަނަށްވެސް ގެއްލުމުގައި ހިންގަމުންއައި ފެނަކަ ކޯޕަރޭޝަނަށް ފުރަތަމަ ފަހަރަށް ސާފު ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.
ޒަމާންވީ ކިލަނބު ނަމާއިއެކު ޒިންމާދާރުކަމެއްނެތި ޚިދުމަތް ދެމުން އައި ފެނަކަ ހިންގުމަށް 2019 ވަނަ އަހަރު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެއާއެކު ގިނަ ގޮންޖެހުންތަކެއް ގިރާކޮށް، މަސްޢޫލިއްޔަތު އަދާކުރުމުގައި ނުގުޑާ ޢަޒުމުގައި ފެނަކައިގެ ޙަޤީޤީ މަޤާމަށް ވާޞިލުވުމަށް ފެނަކައިން ބުރަ މަސައްކަތެއް ކޮށްފައިވާކަން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން މިވަނީ ޤަބޫލުކޮށްފައެވެ. މިކަމުގެ ހެއްކެއްގެ ގޮތުގައި ފެނަކައަށް ލިބުނު ބައިނަލްއަޤްވާމީ 4 އެވޯޑުވެސް ފުދެއެވެ.
އޭޝިއާ ސަރަހައްދުގެ ޔުޓިލިޓީ ކުންފުނިތަކަށް ދޭ އެވޯޑް ކަމަށްވާ "އޭޝިޔަން ޕަވަރ އެވޯޑް"ގެ 4 އެވޯޑެއް ފެނަކަ ކޯޕަރޭޝަނަށް ލިބުނު އިރު މި އެވޯޑަށް ވާދަ ކުރި ހުރިހާ ޤައުމެއްގެ ތެރެއިން ސީ.އީ.އޯ އޮފް ދި ޔިއަރ ލިބިފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދުއަށެވެ.
މި އެވޯޑް އޭނާ އަށް ލިބިފައި ވަނީ ސަޢީދު ކުންފުންޏާއި ޙަވާލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ކުންފުނީގެ ޙާލަތު އިހުނަށްވުރެ ރަނގަޅުކޮށް ދެވޭ ޚިދުމަތްތަކަކީ އުފެއްދުންތެރިކަމާއި، އީޖާދީ، ބިނާކުރަނިވި މަސައްކަތްތަކަކުން ކުރުމުއްދަތެއްގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކެއްކަން ފާހަގަކޮށް ދީފައިވާ އެވޯޑެކެވެ.
ސީއީއޯ އޮފް ދަ ޔިއަރ އެވޯޑްގެ އިތުރުން ރާއްޖެއަށް ލިބުނު އެވޯޑްތަކަކީ ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދަ ޔިއަރ އާއި، ޕަވަރ ޔުޓިލިޓީ އޮފް ދަ ޔިއަރއާއި، ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދަ ޔިއަރ އެވޯޑެވެ.
"ޕަވަރ ޕްލާންޓް އަޕްގްރޭޑް އޮފް ދަ އިޔަރ"ގެ އެވޯޑް، ފެނަކައިން ލ. ގަމުގައި ގާއިމްކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫއަށްވަނީ ލިބިފައެވެ. ގަމުގައި ކުރިއަށްގެންދާ މިމަޝްރޫޢަކީ ރާއްޖޭގައި ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ދާއިރާއަށް ގެނެވޭ ޒަމާނީ ފަންނުވެރިކަމުގެ އީޖާދުގެ ފެށުމަށް ވެގެން ދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ. މި ގިންތިން އެވޯޑް ޙާޞިލްކުރި އެހެން ބޮޑެތި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނެއެވެ.
މީގެ އިތުރުން "ސޯލާ ޕަވަރ ޕްރޮޖްކްޓް އޮފް ދަ އިޔަރ" އެވޯޑުވެސް ފެނަކަށްއަށްވަނީ ލިބިފައެވެ. މިއެވޯޑް ލިބުނީ ގދ. މަޑަވެއްޔާއި، ހޯޑެއްދޫގައި ފެނަކައިން ގާއިމްކުރާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއަށެވެ. މިމަޝްރޫޢު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެފަދަ މަޝްރޫޢުތަކުގެ ތެރެއިން، ތަފާތު އަދި އިންޤިލާބީ މަޝްރޫޢުކަން ކަމަށް ފެނަކައިން ފާހަގަކުރެއެވެ.
ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ "ޕަވަރ ޔުޓިލިޓީ އޮފް ދަ ޔިއަރ" އެވޯޑް ފެނަކައަށް ލިބިފައިވާއިރު މި އެވޯޑަކީ ޤައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކުރެވިގެން އެ ޤައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަށް ދެވޭ އެވޯޑެކެވެ.
އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލް ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑް" އަކީ ދުރާލާ އިޢުލާން ކުރެވޭ މިންގަނޑުތަކަކަށް މިނިވަން ފަނޑިޔާރުންގެ ޕެނަލަކުން އިންސާފްކޮށްގެން ދޭ އެވޯޑެކެވެ. މިއީ ޤައުމުތަކުގެ މެދުގައި އިތުބާރު ހޯދާފައިވާ އަދި އޭޝިއާ ސަރަޙައްދުގެ ބޮޑެތި ޔުޓިލިޓީ ކުންފުނިތަކުން ބައިވެރިވާ އެވޯޑެކެވެ. އެގޮތުން މިއަހަރުގެ މި އެވޯޑް ހަފްލާގައި 50 ކުންފުންޏަކުން އެވޯޑްތައް ވަނީ ހާސިލްކޮށްފައެވެ.
ފެނަކައަށް ބައިނަލްއަޤްވާމީ އެވޯޑްތަކެއް ލިބުނު އިރު ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ވަސީލަތްތައް ރަނގަޅު ކުރުމަށް މީގެ ކުރިން ކުރެވިފައި ނުވާވަރުގެ ބޮޑު ޚަރަދެއް ކުރެވިފައިވާކަން އެކުންފުނިން ފާހަގަ ކުރައްވައެވެ.
އެގޮތުން ކުންފުނިން ފާއިތުވި ދެ އަހަރު ތެރޭ 49 އިންޖީނުގޭގެ މަސައްކަތް އަލަށް ފަށައި، 20 އިންޖީނުގޭގެ މަސައްކަތް މުޅިން ނިންމައި، 77 މެގަވޮޓް ވަނީ އިންސްޓޯލް ކޮށްފައެވެ. މީގެ އިތުރުން އެކުންފުނީގެ ދަށުން މުޅި ރާއްޖޭގައި ހިންގަމުން އަންނަ ހުރިހާ އިންޖީނުގެއެއް ގުޅާލައި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކޮށްފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފެނަކަ ކޯޕަރޭޝަން އުފައްދާފައިވަނީ 18 ޖޫން 2012ވަނަ އަހަރު އޭރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އައި ޔުޓިލިޓީ ކުންފުނިތައް އުވާލުމަށް ފަހުއެވެ.