ޚަބަރު

ޓެލެކޮންފަރެންސިންގ ވަޞީލަތެއް މެދުވެރިވެގެން ބޯޑު ބައްދަލުވުންތަކުގައި ބައިވެރިވުމަށް ހުރަހެއްނެތް - ޕްރައިވަޓައިޒޭޝަން ބޯޑު


ޑިރެކްޓަރުންގެ ބޯޑު މެންބަރަކު ރަށުގައި ނެތުމުގެ ސަބަބުން ޖަލްސާ ބާއްވާ މާލަމަށް ސީދާ ހާޟިރުވެވެން ނެތް ހާލަތެއްގައި، އެ ޖަލްސާގައި އެ މެންބަރަކު އޯޑިއޯ/ވީޑިއޯ ޓެލެކޮންފަރެންސިންގ ވަޞީލަތެއް މެދުވެރިވެގެން ބައިވެރިވުމަށް ސަރުކާރު ޙިއްޞާވާ ކުންފުނިތަކާގުޅޭ ކޯޕަރޭޓް ގަވަރނަންސް ކޯޑުން ހުރަސް ނާޅާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވެއްޖެއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިހެން ވިދާޅުވެފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ބައެއް މެންބަރުންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް ބޭއްވުމާއި އަދި ބޯޑާއި މެނޭޖްމަންޓާގުޅޭ އެހެނިހެން މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން އެ ބޯޑަށް ލިބުނު ޝަކުވާތަކާ ގުޅިގެން ވެމްކޯއަށް ފޮނުވި ސިޓީއެއްގައެވެ. މި ސިޓީގައި ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ބައެއް މެމްބަރުން ހުށަހެޅި ކަންބޮޑުވުންތަކާ އަދި ކޯޕަރޭޓް ގަވަރނަންސް ކޯޑު މާނަކުރުމާއި، ބޯޑުގެ ޖަލްސާތައް ބޭއްވުމުގައި ފާހަގަކުރި އިދާރީ ކަންކަމާގުޅޭގޮތުން ޕްރައިވަޓައިޒޭޝަން ބޯޑުން ދެކޭގޮތް ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު އެ މެންބަރަަކަށް މެދުވެރިވާ ހާލަތަކާއި ގުޅިގެން ނުވަތަ ބޯޑުގެ ޖަލްސާތައް ބާއްވާއިރު ރަށުގައި ނެތުމުގެ ސަބަބުން އެ ޖަލްސާ ބާއްވާ މާލަމަށް ސީދާ ހާޟިރުވެވެން ނެތް ހާލަތެއްގައި އެ ޖަލްސާގައި އެ މެންބަރަކު އޯޑިއޯ ނުވަތަ އޯޑިއޯ/ވީޑިއޯ ޓެލެކޮންފަރެންސިންގ ވަޞީލަތެއް މެދުވެރިވެގެން ބައިވެރިވުން ކޯޕަރޭޓް ގަވަރނަންސް ކޯޑުން ހުރަސް ނާޅާކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ވިދާޅުވެފައެވެ. އަދި އެ ކޯޑުގެ 7.1 ގައި “Directors should attend Board meetings in person” މިހެން ބަޔާންކޮށްފައިވަނީ ޑިރެކްޓަރުން ޖަލްސާ ބާއްވާ މާލަމަށް ހާޟިރުވުމުގެ މާނައިގައި ނޫންކަމަށާއި، މި ހާލަތުގައި “in person”މިހެން ބަޔާންކޮށްފައިވަނީ ހުރިހާ ހާލަތެއްގައިވެސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ބައިވެރިވާންވާނީ މީގެ ތެރޭގައި ޓެލެކޮންފަރެންސިންގ ވަސީލަތެއް މެދުވެރިކޮށް ބައިވެރިވުން ހިމެނޭގޮތުން ސީދާ އެ ޑައިރެކްޓަރުކަމާއި، އަދި އެއްވެސް އުސޫލަކުން ޑިރެކްޓަރެއްގެ އެޖެންޓެއް ނުވަތަ ވަކީލެއް ނުވަތަ ތަމްސީލުކުރަން ހަމަޖައްސާ ތިންވަނަ ފަރާތަކަށް ބޯޑުގެ ޖަލްސާގައި އެ މެންބަރެއްގެ ބަދަލުގައި ބައިވެރިނުވެވޭނެކަން ސާފުކޮށްދިނުމުގެގޮތުން ކަމަށެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ވިދާޅުވީ، ކުންފުނީގެ ހިންގާ ޤަވާޢިދާ އެއްގޮތަށް ބޯޑުގެ ޖަލްސާތައް ބޭއްވުމަކީ ބޯޑުގެ ޗެއަރމަންގެ ޒިންމާއެއްކަމަށެވެ. އަދި ބޯޑުން ހުއްދަދީގެން ޓެލެކޮންފަރެންސިންގ ވަޞީލަތެއް މެދުވެރިކޮށް ބޯޑުގެ ޖަލްސާތަކުގައި ބައިވެރިވާ ބޯޑުގެ ކޮންމެ މެންބަރަކަށް ބޯޑުގެ ޖަލްސާގެ އެޖެންޑާގައި ހިމެނި މަޝްވަރާކުރާ ކަންކަމުގައި އެ ޑިރެކްޓަރަކަށް ފެންނަ ޚިޔާލެއް ނުވަތަ ވާހަކައެއް ދެއްކުމާއި، ބޯޑަށް ހުށަހެޅޭ ކަންކަމުގައި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާކަމަށެވެ.