ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރިއަށްގެންދަވާ "އާސްކް ސްޕީކަރ"ގެ 2 ވަނަ ޕްރޮގްރާމް މިރޭ އޮންނާނެއެވެ.
ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވަވާ މި ޕްރޮގްރާމް އޮންނާނީ މިރޭ 21:00 ގައި ޕީ.އެސް.އެމްގެ ސްޓޫޑިއޯގައެވެ. މި ޕްރޮގްރާމް ޕީ.އެސް.އެމް ނިއުސްއިން މިރޭ ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ބައެއް އަމިއްލަ ޓީވީ ޗެނަލްތަކާއި، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުންވެސް މި ޕްރޮގްރާމް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަގުތުން ޖަވާބުދެއްވާނެއެވެ.
މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއި، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް ގުޅިގެން ބާއްވާ ލައިވް ޕްރޮގްރާމެކެވެ. މިއީ މިފަދަ ގޮތަކަށް އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ކުރިއަށްގެންދާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. "އާސްކް ސްޕިކަރ"ގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ 7 ޑިސެމްބަރު 2019 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު މެންދުރު 14:00 ހަމައަށް އެ ފުރުޞަތު ހުޅުވާލާފައިވާއިރު، ސުވާލު ވީޑިއޯ ކުރެއްވުމަށްފަހު ފޮނުވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
ފޯނު މެދުވެރިކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން، ސޯޝަލް މީޑިއާގައި ސުވާލު ޕޯސްޓްކުރާއިރު AskSpeaker# ބޭނުންކުރެއްވުމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.