ވިޔަފާރި

ތަރައްޤީ ގެނެވޭނީ އިޤްތިޞާދު ފުޅާކުރުމާއެކު ތިމާވެށިވެސް ރައްކާތެރިކޮށްގެން: މިނިސްޓަރ ފައްޔާޟް


ދެމެހެއްޓެނިވި ތަރައްޤީ ގެނެވޭނީ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތްތަކާއި އެއްވަރަށް ތިމާވެށިވެސް ރައްކާތެރިކޮށްގެންކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޟް މިހެން ވިދާޅުވީ، ސަރުކާރުގެ ނޫ އިޤްތިޞާދުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ފަސޭހަކުރުމުގެގޮތުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ކުރިއަށްގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމުގެ ހަރަކާތްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ކަނޑާއި، ކަނޑުގެ ދިރުންތަކަކީ ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ އަދި ދިވެހިންގެ ދިރިއުޅުމާއި ކެއުންބުއިމާވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އެއްޗެއްކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަކީ ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް އޮތް އެންމެ ބޮޑު ބިރުކަމަށާއި، އެކަމާ ދެކޮޅަށް މިހާރުން މިހާރަށްވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީފައިވަނީ އިޤްތިޞާދު ސިންދަފާތުކޮށް، ސްމާޓް އިންވެސްޓްމަންޓްތަކަށް ޖާގަދީ ޕްރައިވެޓް ސެކްޓަރވެސް ކުރިއެރުމަށް ފުރުޞަތު ފަހިކޮށްދިނުމަށްކަމަށެވެ. އަދި އިޤްތިޞާދު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތްތަކާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަކީ އެކުއެކީގައި ގުޅިގެން ކުރެވޭ މަސައްކަތްތަކަކަށް ވާންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިހާރުން މިހާރަށް މިކަންކަމާ ދެކޮޅަށް މަސައްކަތް ކުރަން އެބަޖެހޭ. ޖައްވަދޫކުރާ ވިހަ މާއްދާތަކުގެ ސަބަބުން އަޅުގަނޑުމެންގެ ކަނޑުތައް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ހޫނުވަމުން. މޫދަށް އެކި ބާވަތުގެ ކުނި އެޅުމާއި، އިންސާނުންގެ ބައެއް ޢަމަލުތައް ހުންނަގޮތުގެ ސަބަބުން ކަނޑުފަޅުގެ ދިރުންތަކުގެ ޞިއްޙަތަށްވެސް އެކަމުގެ ނުރައްކާތައް ދަނީ ބޮޑުވަމުން. މިއީ މުޅި ފުޑްޗެއިނަށްވެސް އެކަމުގެ ގެއްލުން ކުރިމަތިވާ އަދި ނޭދެވޭ އަސަރުކުރުވާކަމެއް" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ، ސަރުކާރުގެ ނޫ އިޤްތިޞާދުގެ ސިޔާސާތުގެ ހަޤީޤީ މަޙުފޫމް ގުޅިފައިވަނީ ކަނޑުފަޅުގެ ދިރުންތަކާއި ރާއްޖޭގެ ގުދުރާތީ މުއްސަނދިކަމުގެ މައްޗަށްކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކާ މިހާތަނަށްވެސް އެޅިފައިހުރި ފިޔަވަޅުތަކާއި ނިންމުންތަކަކީ ފަސޭހަ ނިންމުންތަކެއް ނޫންކަމަށާއި، ނަމަވެސް އެކަންކަމަކީ ރާއްޖޭގެ މަހުގެ ސްޓޮކް ދެމެހެއްޓުމަށާއި، ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަން އަންނަން އޮތް ޖީލުތަކަށް ވާޞިލުވުމަށް ކޮށުނު ހަރުދަނާ މަގެއްކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

"ރާއްޖޭގެ އިކޯސިސްޓަމް ދެމެހެއްޓުމަށް ޚާއްސަ އިސްކަމެއްދޭންޖެހޭ. އެކަމަށް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ. މިސަބަބަށްޓަކާ ދިވެހިރާއްޖަކީ ދާ އަޅައިގެން ކުރާ ހުރިހާ ބާވަތެއްގެ މަސްވެރިކަން ކުރުން މަނާކޮށްފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް. ދޯށީގެ މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ރާއްޖޭން އަބަދުވެސް ދެމިއޮންނާނަން. ދުނިޔޭގެ ތިމާވެއްޓަށް ހަލުވި މިނެއްގައި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ކުރިމަގު ބިނާކުރުމަށް ކަންކަން ދުރާލާ ޕްލޭންކުރުމަކީ ވަރަށްވެސް ބޭނުންތެރިކަމެއް" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އަދި ފިޝަރީޒް މިނިސްޓަރ ޒަހާ ދެއްކެވި ވާހަކަފުޅުގައިވެސް ސަރުކާރުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ކުރިއަށްގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމަށް މަރުޚަބާ ވިދާޅުވެ، މިއީ ރާއްޖޭގެ އިޤްތިޞާދު ތިމާވެއްޓާ ރައްޓެހި އުޞޫލަކުން ކުރިއެރުވުމަށް ލިބޭ ހިތްވަރެއްކަމަށް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގައި އެ 2 މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަން މިނިސްޓަރ ފާހަގަކުރައްވާފައެވެ.

2024 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމްގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ސައިންޓިފިކް ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދޭނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދުން ހިމެނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް، ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަޤްޞަދެކެވެ.