ޚަބަރު

ފްލައިންގ ސްކޫލުން ވަކި ކުރި ދަރިވަރުންނަށް ދިން ލިޔުންތައް ބާޠިލުކުރަން އަންގައިފި


ބިދޭސީ ދަރިވަރުންނަށް އެޑްމިޝަން ދިނުން މަނާކޮށް، ވަކި ކުރަން އަންގާފައިވާ ދަރިވަރުންގެ ނޯޓިސްތައް ބާޠިލުކުރުމަށް އައްޑޫ ފްލައިންގ ސްކޫލަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އަންގަވައިފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ އައްޑޫސިޓީ ހިތަދޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އައްޑޫ ފްލައިންގ ސްކޫލުން ދަރިވަރުން ވަކި ކުރަމުންދާ މައްސަލައާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާޠިލުކުރުމަށް އެ ސްކޫލަށް އަންގާފައިވާކަމަށެވެ. އަދި އެ ސްކޫލުން އެގޮތަށް ޢަމަލު ނުކުރާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓު ކުރުމަށާއި، މިގޮތަށް ހުށަހަޅާ ހުރިހާ ރިޕޯޓެއް ބަލާނެކަމުގެ ޔަޤީންކަންވެސް އެ މިނިސްޓްރީން ވަނީ ދެއްވާފައެވެ. އަދި ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންދޭ ކަމެއް ނޫންކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ކަމާބެހޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަށް ވެސް އެ ސްކޫލަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު ޢާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް ޕަބްލިޝް ކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި ދަރިވަރުންގެ ޤައުމާއި ނަސްލުގެ ސަބަބުން ތަފާތުކުރުން ގެންގުޅޭ ނަމަ، އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓުކުރަމުން ގެންދިއުމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ސްކޫލުގެ ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ޕްރިލިމިނަރީ އެސެސްމެންޓަށް ރިޢާޔަތްކުރާއިރު ހުރިހާ ދަރިވަރުންނަށް އެންމެ އިންސާފުވެރިގޮތަކީ، ކޮންމެ ދަރިވަރެއްގެ ކޭސްވެސް ވަކިވަކިން ބަލައި، ކޮންމެ ދަރިވަރަކަށްވެސް ދިމާވެފައިވާ މައްސަލަތަކުގެ ޙާލަތާއި ދަރަޖަ ދެނެގަނެ، އެކުއްޖެއްގެ ޙާލަތާ ގުޅޭ ޙައްލުތައް ހޯދައިދެމުން ގެންދިއުންކަމަށެވެ.

ފްލައިންގ ސްކޫލުގެ މެއިންޓެނަންސް އެޕްރޫވަލްތަކުގެ ދެ އޯޑިޓެއް މިއަހަރުގެ ނޮވެމްބަރުގައި ކޮށްފައިވާއިރު، މި އޯޑިޓްތަކުގެ ނަތީޖާއެއްގެ ގޮތުން މެއިންޓެނަންސް ދާއިރާގައި އުޅޭ މައްސަލަތަކުގެ ލެވަލް 1 ގެ ފައިންޑިންތަކުގެ ސަބަބުން މަތިންދާ ބޯޓުތަކެއް ގްރައުންޑް ކުރަންޖެހުނުކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ އުދުހުމުގެ ގަޑިތައް ހަމަކުރުމަށް ބޭނުންވާ ޢަދަދަށް މަތިންދާ ބޯޓުތައް ފްލައިންގ ކޮންޑިޝަނަށް ގެނައުމަށް އަންގާފައިވާކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިއަހަރުގެ ސެޕްޓެމްބަރ މަހު ކުރި އޯޑިޓަށް ފަހު، އިތުރު އެއްވެސް ދަރިވަރަކު ކޯސްތަކުގައި އެންރޯލް ނުކުރުމަށް އައްޑޫ ފްލައިންގ ސްކޫލަށް އަންގާފައިވާއިރު މި އެންގުމާ ޚިލާފަށް އިތުރު އެއްވެސް ދަރިވަރަކަށް އެޑްމިޝަން ދީފައިވާކަން މިހާތަނަށް ބެލި ރެކޯޑުތަކަކުން ނުދައްކާކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ސްކޫލުގެ ކޯސްތަކަށް ބިދޭސީ ދަރިވަރުންނަށް އެޑްމިޝަން ދިނުން މިހާރު މަނާކޮށްފައިވާ ކަމަށާއި، ބިދޭސީ ދަރިވަރުންނަށް އެޑްމިޝަންގެ ހުއްދަ އަލުން ދޭން ނިންމުމުން އެކަން އަންގާނެކަން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ވަނީ މޯލްޑިވްސް އިމިގްރޭޝަންގައިވެސް ދަންނަވާފައެވެ.

ފްލައިންގ ސްކޫލަށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އަންގަވާފައިވާިއރު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންގުންތަކާ އެއްގޮތަށް ސްކޫލުގެ ފަރާތުން ޢަމަލު ކުރޭތޯ ކޮންމެ ދުވަހަކުވެސް ބެލުމަށް، އެ އޮތޯރިޓީގެ އިންސްޕެކްޓަރަކު ސްކޫލުގައި މަޑުކުރާ ގޮތަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން، ޑެއިލީ ސްޓޭޓަސް އަޕްޑޭޓް ދުވަހުން ދުވަހަށް އޮތޯރިޓީއަށް އަންގަމުން ގެންދެވޭނެކަމަށާއި، ދަރިވަރުންގެ މައްސަލަތައް ޙައްލުކުރަމުން ގެންދެވޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކިޔެވުމަށް ދޫކޮށްފައިވާ މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނު ފުރުޞަތުގައި ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖެއިން ބޭރަށް ބަދަލުވެގެން ކިޔެވުމުގެ ހުއްދަވަނީ 16 ޖުލައި 2019 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ދީފައެވެ. އަދި ލޯނު ފުރުޞަތުގެ ދަށުން މިވަގުތު ފްލައިންގ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތުގެ ކޯސް ނިމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިމޭ ތާރީޚަކުން ފެށިގެން 6 މަސްދުވަހަށް މިހާރުވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ފަސްކޮށްދީފައެވެ.

ދެފުށް ފެންނަގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި، އިމްތިޙާނުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ފްލައިންގ ސްކޫލަށް އަންގަވާފައެވެ. އަދި މި މައްސަލައިގެ ރޫޓް ކޯޒްއާމެދު ވިސްނާއިރު، ދުރު މުސްތަޤުބަލުގައި މިފަދަ ކަމެއް ދިމާނުވާނެ ގޮތަށް އެޅިދާނެ ޕްރިވެންޓިވް ފިޔަވަޅުތައް ސަރުކާރުގެ މަތީ ފެންވަރުގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޓެކްނިކަލް އޮޕީނިއަންތަކުގެ އަލީގައި މަޝްވަރާ ކުރެވިގެންދާނެކަން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.