ސިޔާސީ

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤުކުރައްވައިފި


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން ކައުންސިލްތަކުގެ ސިޔާސަތުތަކާއި އުޞޫލުތަކާއި ޤަވާޢިދުތައް ކަނޑައެޅުމާއި ތަންފީޛުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލްތަކާއި ސިޓީތަކުން ހިމަނަންޖެހޭ މަޢުލޫމާތުތައް ބަޔާންކޮށްފައިވެއެވެ. އަދި ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކުރާ ޤަވާޢިދު ހަދަން ވާނީ މި ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙާއެކު އެކިއެކި މާއްދާތަކަށް ގެނެވިފައިވާ ބަދަލުތަކާއެކު، އެ މާއްދާތަކާ ތަޢާރުޟުވާ ބައެއް މާއްދާތައް ވަނީ އުނިކޮށްފައެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން މި ޤާނޫނާއި މި ޤާނޫނުގެ މަޤްޞަދުތަކާއި ތަޢާރުޟުވާ ޤާނޫނުތައް ފާހަގަކޮށް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފަދަ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.
.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ނުވަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، އެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާ، ޢަމަލުކުރައްވަން ފައްޓަވާފައެވެ.