ޓީބީން ދިފާޢުވުމަށް ތުއްތުކުދިންނަށް ދޭ ބީ.ސީ.ޖީ ވެކްސިން އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވީ، ރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމަށް ދިމާވެފައިވާ ބީ.ސީ.ޖީ ވެކްސިންގެ ދަތިކަން ފޫބެއްދުމަށްޓަކައި، ދިވެހި ސަރުކާރުގެ އެދިލެއްވުމުގެ މަތިން، ބީ.ސީ.ޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް ދިވެހިރާއްޖެއަށް ފޮނުވައިދެއްވާކަމަށެވެ. ވެކްސިންގެ މި ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ.
ބީ.ސީ.ޖީ ވެކްސިންއަކީ ޓީބީ ބަލިން ދިފާއުވުމަށްޓަކައި ތުއްތުކުދިންނަށް ދޭ ވެކްސިނެކެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި، އިންޑިއާގެ ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަން، އަދި މުމްބާއިގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލްއާއި ގުޅިގެން ވެކްސިންގެ މި ޝިޕްމެންޓް ހޯދައި، ރާއްޖެއަށް ޑިސްޕެޗް ކުރުން ކޯޑިނޭޓް ކޮށްފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އާއި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިނެނެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު އުފެދިފައިވާ ޒާމާންވީ ގާތްގުޅުމުގެ ތެރެއިން، އިންޑިއާއިން އަންނަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާއިން ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް މީސްލްސް – ރުބެއްލާ ވެކްސިންގެ 30،000 ޑޯޒް ރާއްޖެއަށް ފޯރުކޮށްދީފައެވެ. އަދި ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދެޤައުމުގެ މެދުގައިވާ ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަވެ، އެތައް ގޮތަކުން ވަނީ ރާއްޖެއަށް އެހީ ފޯރުކޮށްދީފައެވެ.
އެގޮތުން މާރިޗު 2020 ގައި އިންޑިއާއިން ވަނީ ކޯވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުމަށް ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ޚާހާއްސަ ޓީމެއްވެސް ރާއްޖެއަށް ފޮނުވާފައެވެ. އަދި އޭޕްރިލް 2020 ގައި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓްއެއް ގެނެސް، 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ 4 ޝަހަރަކުން ވަނީ އިންޑިއަން އެއަރ ފޯސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވެއެވެ. މީގެ އިތުރުން އޮގަސްޓް 2020 އިން ފެށިގެން އިންޑިއާއިން ވަނީ ދިވެހިންނަށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދަތުރުކުރެވޭނެ މަގުވެސް ފަހިކޮށްދީފައެވެ.
މީގެ އިތުރުން ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އޮފިޝަލުންނަށް އެކި އޮންލައިން ތަމްރީން ޕްރޮގްރާމްތައް އެ ޤައުމުން އަންނަނީ ހިންގަމުންނެވެ.
އިންޑިއާއިން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން، އެޤައުމުން ވަނީ ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ދީލަތި އަދި އަވަސް އެހީ ފޯރުކޮށްދީފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމުގެ ދަށުން، އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައިވާ އިޙްތިރާމާއި، އިތުބާރުން ފުރިފައިވާ ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފައެވެ.