ދުނިޔެ

ވުހާންގައި ކޯވިޑް ޖެހުނު މީހުގެ އަދަދުތަކުގައި އޮޅުވާލުން


ކޯވިޑް އުފަންވިކަމަށް ބުނާ ޗައިނާގެ ވުހާން ސިޓީގެ ބައި މިލިއަން މީހުންނަށް ކޯވިޑް ޖެހިފައިވުމަކީ އެކަށީގެންވާކަމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޗައިނީޒް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ކުރި ދިރާސާއަކުން ދައްކާ ގޮތުން 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވުހާންގައި ކޯވިޑް ފެތުރެން ފެށިފަހުން އެ ސިޓީގެ ފަހެއް އިންސައްތަ މީހުންނަށް ކޯވިޑް ޖެހިފައިވާކަމަށް ބެލެވޭކަމަށެވެ. އެއީ ގާތްގަނޑަކަށް 500،000 މީހުންނެވެ.

މި އަދަދުތަކަކީ ސައްހަ ނަމްބަރުތަކެއް ނަމަ އެވާނީ ވުހާން ސިޓީން ބަލިޖހިފައިވާކަމަށް ދަފްތަރުކޮށްފައިވާ ރަސްމީ ޢަދަދަށްވުރެ ދިހަ ގުނަ އިތުރު ޢަދަދެކެވެ. ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ އަދަދުތަކުން ދައްކާގޮތުން ވުހާންގައި މިހާތަނަށް ބަލިޖެހިފައިވަނީ 50،354 މީހުންނަށެވެ. އެ ޢަދަދުގެ ތެރޭގައި ބަލީގެ ޢަލާމާތްތައް ނުފެންނަ މީހުން ހިމަނާފައެއް ނުވެއެވެ.

މި އަހަރުގެ ކުރީކޮޅުގައި ޗައިނާގެ ސީޑީސީން ކޮށްފައިވާ ދިރާސާގައިވަނީ ވުހާން ސިޓީގައި ދިރިއުޅޭ 34،000 މީހުންގެ ސާމްޕަލް ނަގާފައެވެ. އޭގެއިތުރުން ހޫބެއި ޕްރޮވިންސާއި، ބެއިޖިން އާއި ޝަންހާއީގެ އިތުރުން އިތުރު ހަތަރު ޕްރޮވިންސެއްގައި ދިރިއުޅޭ މީހުންގެ ސާމްޕަލުތައް މި ޓީމުން ނަގާފައެވެ.

މި ސާމްޕަލްތައް ނަގާފައިވަނީ ޗައިނާގައި ފެތުރުނު ކޯވިޑްގެ ފުރަތަމަ ރާޅު ހަމައަކަށް އެޅުނުތާ މަސް ދުވަސް ފަހުންނެވެ.

މި ނަތީޖާތައް ދައްކާގޮތުން އެ ސާމްޕަލުތަކުން ބަލި ޖެހި ރަނގަޅުވުމުން އުފެދޭ އެންޓިބޮޑީގެ ނިސްބަތް ވުހާން ސިޓީން ނެގި ސާމްޕަލުތަކުގައި ހުރީ 4.43 އިންސައްތައިގައެވެ. ހޫބެއި ޕްރޮވިންސުގައި އެ ނިސްބަތް ހުރީ 0.44 އިންސައްތައިގައެވެ. ހޫބެއި ޕްރޮވިންސުގެ ބޭރުން ނަގާފައިވާ 12،000 ސާމްޕަލުގެ ތެރެއިން އެންޓިބޮޑީ ހުރިކަމަށް ދައްކާފައިވަނީ އެންމެ ދެ ސާމްޕަލުގައެވެ. އެހެންކަމުން ވުހާން ސިޓީގައި ބަލި ފެތުރެން ފެށުމުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ވުހާން ސިޓީން ބޭރަށް މާ ބޮޑަށް ބަލި ފޯރާފައިނުވާކަމަށް ދިރާސާގައިވަނީ ނިންމާފައެވެ.

ދިރާސާގެ ނަތީޖާ އާންމުކޮށްފައި މިވަނީ ބައިނަލްއަޤްވާމީ ސައިންސްވެރިންގެ ވަފުދެއް ވުހާންއަށް ޒިޔާރަތްކޮށް، ވައިރަހުގެ އަސްލު ދެނެގަތުމަށް މަސައްކަތްކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.