ދުނިޔެ

އެމެރިކާގެ އަދަދު 20 މިލިއަނަށް، ހޮސްޕިޓާތައް ފުރިފައި


އެމެރިކާގައި ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 20 މިލިއަން ހުރަސްކޮށްފިއެވެ. އެމެރިކާގައި ޤައުމުގައި ބަލިޖެހުނު މީހުންގެ އަދަދު މިހާ މައްޗަށް އަރާފައި މިވަނީ އެ ޤައުމުގެ ސްޓޭޓުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ލަސްތަކެއް ހުރިކަމުގެ ކަންބޮޑުވުންތައް ފާޅުކުރަން ފަށާފައިވަނިކޮށެވެ.

އެންމެ ގިނަ މީހުންނަށް ބަލިޖެހި، މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ޤައުމުގެ ގޮތުގައި އެމެރިކާ އޮންނަތާވަނީ މިވަނީ އެތައް މަހެއް ވެފައެވެ. އެމެރިކާގައި މި ބަލި ޖެހުނު މީހުންގެ އަދަދު ހުރީ ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވާ އިންޑިޔާގައި ބަލި ޖެހުނު މީހުންގެ އަދަދަށްވުރެ ދެ ގުނަ މަތީގައެވެ. އިންޑިޔާގައި ކޯވިޑް ޖެހިފައިވަނީ 10.2 މިލިއަން މީހުންނަށެވެ.

ފިނި މޫސުމުގެ ޗުއްޓީއާއި ދިމާކޮށް އެމެރިކާގައި ކޯވިޑް ފެތުރޭ މިންވަރު މިވަނީ އަނެއްކާ އިތުރުވެފައެވެ. އެގޮތުން އެއްވުންތައް ބޭއްވުމާއި އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރުމަކީ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާ ބައެއް ސަބަބުތަކެވެ. ޞިއްޙީ އިދާރާތަކުންދަނީ އެ ޤައުމުގެ ހަސްފަތާލުތަކަށް ބާރުބޮޑުވެ އެތަންތަން ފުރެމުންދާކަމުގެ އިންޒާރު އާންމުންނަށް ދެމުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ހަފުތާގެ ތެރޭގައި އެމެރިކާގައި ރެކޯޑު ޢަދަދަކަށް މީހުންނަށްވަނީ ބަލިޖެހިފައެވެ. އެ ޤައުމުގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހުގައެވެ. އެއީ 3،927 މަރެވެ. ކޯވިޑް ޖެހިގެން އެ ޤައުމުގައި މަރުވި މީހުންގެ ޖުމްލަ ޢަދަދު މިހާރުވަނީ 346،000 އަރާފައެވެ.

މިިދޔަ އަހަރު ނިމުމުގެ ކުރިން އެ ޤައުމުގެ 20 މިލިއަން މީހުންނަށް ކޯވިޑް ވެކްސިން ދިނުމަށް އެމެރިކާގެ ސަރުކާރުން ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އަހަރު ނިމުނުއިރު ވެކްސިން ދެވުނީ 2.8 މިލިއަން މީހުންނަށެވެ.

އެމެރިކާގައި ބަލިމަޑުކަން ފެތުރުމުން އެދެވޭ ފިޔަވަޅު އަޅުއްވާފައިނުވާކަމުގެ ތުހުމަތުތައް ރައްދުވެފައިވާ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ސަރުކާރުން ވެކްސިން ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތާއިމެދު އިންތިޚާބީ ރައީސް ޖޯ ބައިޑަންވަނީ ފާޑު ވިދާޅުވެފައެވެ.

ޖަނަވަރީ މަހުގެ 20ވަނަ ދުވަހު ސަރުކާރުން ހިންގުމާއި ޙަވާލުވެވަޑައިގަތުމަށްފަހު ކޯވިޑާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ބައިޑަންވަނީ ވަޢުދުވެވަޑައިގަންނަވާފައެވެ.