ވިޔަފާރި

އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް 346 މިލިއަން ރުފިޔާ


"ރިކަވަރީ ލޯނު ސްކީމް" ގެ ދަށުން މިހާތަނަށް 2053 ކުދި ވިޔަފާރިއަކަށް ލޯން ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

"ރިކަވަރީ ލޯނު ސްކީމް"އަކީ ކޯވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ވަމުންދާ ގެއްލުމުން އަރައިގަތުމަށް ދޫކުރާ ލޯނެކެވެ. މި ލޯން ދޫކުރަމުންދަނީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީ މެދުވެރިކޮށެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބީއެމްއެލް މެދުވެރިކޮށެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 2053 ފަރާތަކަށް 346 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1414 ވިޔަފާރިއަކަށް ދޫކޮށްފައިވާ 326.9 މިލިއަން ރުފިޔާއާއި އަމިއްލަ މަސައްކަތްކުރާ 639 ފަރާތަކަށް ދޫކުރި 19.1 މިލިއަން ރުފިޔާ ހިމެނެއެވެ.

ކޯވިޑް-19 އާ ގުޅިގެން އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މުދާ ވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ.

އެގޮތުން އެދާއިރާގައި ހަރަކާތްތެރިވާ 846 ފަރާތަކަށްވަނީ 201.1 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ދެވަނައަށް އެންމެ ބޮޑު އަދަދަކުން ލޯން ދޫކޮށްފައިވަނީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެއީ 59.4 މިލިއަން ރުފިޔާއެވެ. އަދި ފަތުރުވެރިކަމަށް 55.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޯވިޑް-19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 576 ކަނބަލަކަށް 117.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.