ޚަބަރު

2040ގެ ތަސައްވުރާ ގުޅޭގޮތުން ލިޔެފައިވާ ދެ ފޮތެއް ރައީސްއަށް ހަދިޔާކުރައްވައިފި


"ވިޝަން 2040" އަދި "2040 ވަޓް ވުޑް އިޓް ބީ ލައިކް؟" ގެ ނަމުގައި 2040 ގެ ތަސައްވުރާ ގުޅޭގޮތުން ދިވެހި ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ.

އުގައިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން މި ދެ ފޮތް އެ މަނިކުފާނުގެ އަތްޕުޅަށް އަރުވާފައި ވަނީ އެކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ.

މި ދެ ފޮތަކީ ޕްރޮފެސަރ ޙަސަން އުގައިލްގެ އުގައިލް ފައުންޑޭޝަންގެ ކިޑްސް ސަރކަލްއިން އެކުލަވާލާ ތައްޔާރުކޮށްފައިވާ ދެ ފޮތެވެ. މީގެތެރެއިން "ވިޝަން 2040" ފޮތަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް، އެ ކުދިން 2040 ވަނަ އަހަރު ދުނިޔެ އޮންނާނެކަމަށް ތަސައްވުރު ކުރާ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ފޮތެކެވެ.

"2040 ވަޓް ވުޑް އިޓް ބީ ލައިކް؟" ފޮތަކީ 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް 2040 ވަނަ އަހަރުގެ ތަސައްވުރާ ގުޅޭގޮތުން އެކުލަވާލާފައިވާ ފޮތެކެވެ.

އެގޮތުން މީގެ 20 އަހަރު ފަހުން ދުނިޔޭގެ ކަންކަން އޮންނާނެގޮތުގެ ތަސައްވުރާއި، މީހުން އަދާކުރާނެ ވަޒީފާތަކާއި، ޗުއްޓީ ހޭދަކުރުމަށް ޖައްވަށް ދަތުރުފަތުރު ކުރުމާއި، އައު ހޯދުންތަކާއި، އެފަދަ އެތައްކަމެއް އެ ކުދިންގެ ތަސައްވުރުގައި ހުރިގޮތް މި ދެ ފޮތުގައި ލިޔުމުންނާއި ކުރެހުމުގެ ޒަރީޢާއިން ހިމަނާފައިވެއެވެ. އަދި، ނަންދިނުމުން ފެށިގެންގޮސް ބަނޑޭރިގަނޑާއި ފޮތުގެ ހުރިހާ ކޮންޓެންޓެއް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިންނެވެ.

މި ދެ ފޮތް ތައްޔާރުކުރުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 400 އަށް ވުރެ ގިނަ ކުދިން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.

ދަ ސަރކަލް ބައި އުގައިލް ފައުންޑޭޝަނަކީ އެޗް.ޑީ.ސީ އަދި އުގައިލް ފައުންޑޭޝަން ގުޅިގެން 2019 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ހުޅުވި ސެންޓަރެކެވެ. މި ސެންޓަަރުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ ވާހަކަ ކިއުމުގެ އާދަ އާލާކޮށް، ހަމަހިމޭންކަމާއެކު ޢިލްމު އުނގެނުމުގެ މާހައުލެއް ބިނާކޮށް ވީހާވެސް ގިނަ އަދަދެއްގެ ބަޔަކަށް ޚާއްސަކޮށް ކުޑަކުދިންނަށް އެ ފުރުޞަތު ފަހިކޮށްދިނުންކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، އާޓް އަދި ހިސާބު ޢިލްމު ރާއްޖޭގެ ޒުވާނުންގެ މެދުގައާއި ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި އާލާކުރުމަށް ދަ ސަރކަލްގެ ޒަރިއްޔާއިން ގިނަ މަސައްކަތްތަކެއް ކުރުމަކީ އަމާޒެއްކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.