ޚަބަރު

ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކާ އިންޓަވިއު ކުރަން ފަށައިފި


ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުތައް މިއަދު ފަށައިފިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، މިދިޔަމަހުގެ 31 ގެ ނިޔަލަށް ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް މާލެ ސިޓީގައި ބާއްވާ އިންޓަވިއުތައް މިމަހުގެ 10 އިން ފެށިގެން 14 އަދި މިމަހުގެ 19 އިން ފެށިގެން 21 އަށް ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައި ކުރިއަށްދާނެކަމަށެވެ.

ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުތައް މިއަދުން ފެށިގެން މާލެ ސިޓީގެ އިތުރުން އެމް.އެން.ޑީ.އެފްގެ އޭރިއާތަކުގައި ވެސް ކުރިއަށްދާނެވެ. މިގޮތުން އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައިވެސް މި އިންޓަވިއުތައް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތައް، އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި އެމް.އެން.ޑީ.އެފްގެ ހެޑްކްއޯޓަރޒްއިން އެފަރާތްތަކަށް ދަނީ އަންގަމުންނެވެ.

ސިފައިންގެ ވަޒީފާއަށްއެދި ހުށަހެޅުމުގެ މުއްދަތު، 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާއިރު، ސިފައިންގެ ވަޒީފާއަށް ވަނުމުގެ އުމުރުފުރާ ބަލާ ތާރީޚު ވަނީ 2021 ފެބުރުވަރީ 04 ވަނަ ދުވަހަށް ބަދަލު ކުރެވިފައެވެ. 2021 ޖަނަވަރީ 01 އިން 31 އަށް ސިފައިންގެ ވަޒީފާތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އިންޓަވިއުތައް ފަހުގެ ތާރީޚެއްގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ފެބްރުއަރީމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރި، 25 އަހަރު ނުފުރޭ މީހުން ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުއެވެ. ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރި ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް ފަރާތަކަށް ވާންޖެހެއެވެ. އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭނެ ސިއްހަތެއްގައި ހުރި ފަރާތަކަށް ވާންޖެހޭނެކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އަންހެނެއްނަމަ އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗި އަދި ފިރިހެނެއްނަމަ ފަސްފޫޓު ފަސް އިންޗި ހުންނަންވާނެ ކަމަށާއި ފާއިތުވި 5 އަހަރު ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށް ވެގެން ނުވާނެކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ. ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއު ތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިން) އަދި އެޕްޓިޓިއުޓް ޓެސްޓުން ހޯދާ ނަތީޖާއަށް ބަލާނެކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރައްވައެވެ.