ސަރުކާރަށް ބޭނުންވާ މުދާ ހޯދުމުގައި ޗައިނާގެ އުފެއްދުންތައް ވީހާވެސް ބޮޑަކަށް ބޭނުން ނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދެއްވައިފިއެވެ.
ވެރިކަމުގެ އިތުރު ދައުރެއް ކާމިޔާބުވެޑައިނުގަތުމުން އިންތިޚާބީ ރައީސް ޖޯ ބައިޑަންއަށް ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި ޤައުމުގެ ހިންގުން ޙަވާލުކުރުމަށް ރައީސް ޓްރަންޕު ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ވެރިކަމުގައި ހުންނަވާ އެންމެ ފަހު ދުވަސްކޮޅު، ޗައިނާގެ އުފެއްދުންތަކާއި ޚިދުމަތްތައް ހޯދުން މަދުކުރުމަށް ޓްރަންޕު އެދިލައްވާފައިވަނީ ޗައިނާގެ ފަރާތުން ޖާސޫސްކުރުމުގެ ފުރުޞަތު ކުޑަކުރުމަށްކަމަށް ޓްރަންޕުގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު، ރޮބާޓް އޯ ބްރިއެން ވިދާޅުވިއެވެ.
އޯ ބްރިއެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ ސަރުކާރުގެ އިންފޮމޭޝަން ސިސްޓަމްތަކަށް ޗައިނާގެ ޙަމަލާތައް އަމާޒުވެފައިވާކަމަށާއި، އެ ސިސްޓަމްތައް މެދުވެރިކޮށް ޖާސޫސްކޮށް، އެކި ފަރާތްތަކުގެ ޒާތީ މަޢުލޫމާތާއި އަސްކަރީ ރޭވުންތަކާއި އެހެނިހެން މަޢުލޫމާތުތައް ޗައިނާއިން އެއްކުރަމުންދާކަމަށެވެ. އެހެންކަމުން އެމެރިކާގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި އެދެވޭ ފިޔަވަޅުތަކެއް އެމެރިކާއިން އަޅަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މައި ސަރުކާރަށް އަމާޒުކޮށް ހިންގާ ޖާސޫސީ ޙަރަކާތްތަކުގެ އަސަރު ކުޑަކުރުމަށް ޤަވާއިދުތަކާއި ސިޔާސަތުތަކަށް ބަދަލު ގެންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބޭނުންތަކަށް ޗައިނާއިން ހޯދާ މުދަލާއި ޚިދުމަތްތައް މަދުކުރުމަށް ރައީސް ޓްރަންޕު ސަރުކާރަށް އަންގަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއިން ހޯދާ މުދަލާއި ޚިދުމަތުގެ ތަފްޞީލެއް އޯ ބްރިއެން ދެއްވާފައެއް ނުވެއެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ އިސް ފަރާތްތަކުން ވިދާޅުވީ އެ ނިންމުމުގެ މައިގަނޑު ބޭނުމަކީ އެމެރިކާގެ އައިޓީ ނެޓުވޯކު މެދުވެރިކޮށް ޗައިނާއިން މަޢުލޫމާތު އެއްކުރުމަށް ކުރާ މަސައްކަތް ފަހަތަށް ޖެއްސުންކަމަށެވެ.
އޭނާ ވިދާޅުވީ ޗައިނާގެ ކުންފުނިތަކާއި ގުޅުންހުރި އެއްވެސް ބައެއް އެމެރިކާގެ އައިޓީ ނެޓުވޯކުގެ ތެރޭގައި ހިމެނޭނަމަ އެއީ އެމެރިކާއަށް އޮތް ނުރައްކަލެއްކަމަށާއި އެއީ ޗައިނާއިން ބޭނުންކުރަމުންދާ 'މިލިޓަރީ-ސިވިލް ފިއުޝަން ސްޓްރެޓެޖީ' ކުރިއެރުވުމަށް ބޭނުންކުރާ ވަޞީލަތަކަށްވުން އެކަށީގެންވާ ކަމަށެވެ. ޗައިނާއިން އުފައްދާފައިވާ ހާޑްވެއާ އެމެރިކާގެ އައިޓީ ނެޓުވޯކުގެ ތެރޭގައި ބޭނުންކުރާނަމަ އެއީ އެ ނިޒާމު ބަލިކަށިވާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޓްރަންޕުވަނީ ޗައިނާއަށް އަމާޒުކޮށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޗައިނާއާއި ގުޅުންހުރި މައްސަލަތަކުގައި ރައީސް ޓްރަންޕު ޢަމަލުކުރައްވަމުންދަނީ ވަރަށް ހަރުކަށިކޮށެވެ. އެގޮތުން ކޮރޯނާވައިރަހުގެ މައްސަލައާއި ޖާސޫސްކުރުންފަދަ މައްސަލަތަކުގައި ޓްރަންޕު އަޅުއްވާފައިވާ ފިޔަވަޅުތަކަކީވެސް ހަރުކަށި ފިޔަވަޅުތަކެކެވެ. ރައީސް ޓްރަންޕުގެ ވެރިކަމުގައި އެމެރިކާއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.