ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގަމުންދާ ކ.މާފުށީގެ ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓު މިދުވަސްކޮޅު ހުރީ 75 އިންސައްތައިގައިކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.
މާފުއްޓަށް މިދުވަސްކޮޅު ގިނަ އަދަދަކަށް ފަތުރުވެރިންދާއިރު، ކ. އަތޮޅުގެ ގެސްޓްހައުސް ހިންގާ ރަށްތަކުގައި ކޯވިޑް-19 ބަލި ފެތުރޭތޯ ބެލުމަށްޓަކައި، ކ.މާފުށިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވްކަމަށްވެސް އެރަށު ކައުންސިލުން ހާމަކުރެއެވެ.
މާފުއްޓަކީ ރާއްޖޭގައި އެންމެ ބޮޑެތި ގެސްޓުހައުސްތައް އޮޕަރޭޓުކުރަމުންދާ ރަށެވެ. އަދި ރާއްޖޭގައި އެއް ރަށަކުން ފަތުރުވެރިކަމަށް އެންމެ ގިނަ އަދަދަކަށް އެނދު ނެރެފައިވަނީވެސް މާފުށިންނެވެ. އެގޮތުން މިހާރުވެސް އެރަށުން ވަނީ ފަތުުރުވެރިކަމުގެ 1054 އެނދު އޮޕަރޭޝަނަށް ގެނެސްފައެވެ.
ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން މި ސިނާއަތް ފަތުރުވެރިންނަށް ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓްހައުސް ސިނާއަތް ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ ފަތުރުވެރިންގެ ބަޔަކު އައިސްފައިވަނީވެސް މާފުއްޓަށެވެ.
މިވީ މުއްދަތުގައި އެރަށަށްވަނީ 5000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އަދި އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ ޔޫރަޕް އާއި އިންޑިއާ ފަތުރުވެރިންކަމަށް އެރަށު ކައުންސިލުން ހާމަކުރެއެވެ.
މާފުށީގެ މަޤްބޫލްކަން ފަތުރުވެރިންގެ މެދުގައި އިތުރުވަމުންދާއިރު، ދުނިޔޭގެ އެކި ލިސްޓުތަކުގައިވެސް އެރަށްދަނީ ހިމެނެމުންނެވެ. އެގޮތުން އެއާބީއެންބީގައި މި އަހަރަށް އެންމެ ޑިމާންޑު ބޮޑު މަންޒިލްތަކުގެ ތެރޭގައި ކ.މާފުށި ވަނީ ހިމެނިފައެވެ.
އެއާބީއެންބީއަކީ ގެސްޓުހައުސްތަކާއި ކުއްޔަށް ދޫކުރާ ގެތަކާއި ގުޅޭ މައުލޫމާތު ހިމެނޭ، އަދި އެފަދަ ތަންތަނަށް ދިޔުމަށް ބުކިންގ ހަދާލެވޭ ވެބްސައިޓެކެވެ.