ދުނިޔޭގެ ވިޔަފާރި

ސެމްސަންގެ ވައިސް ޗެއާމަނަށް 2 އަހަރާއި 6 މަހުގެ ޖަލު ހުކުމެއް


ސެމްސަންގ އިލެކްޓްރޯނިކްސް ކުންފުނީގެ ވައިސް ޗެއަރމަން، ޖޭ ޔައި ލީ ދެ އަހަރާއި ހަ މަހަށް ޖަލަށްލުމަށް ދެކުނު ކޮރެއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އޭނާ ޖަލަށްލުމަށް ކުރި ހުކުމާއިއެކު މިދިޔަ އޮކްޓޯބަރު މަހުގައި އޭނާގެ ބައްޕާފުޅު އަވަހާރަވުމުން އެ ކުންފުނީގެ ވާރުތަވެރިންނާއި ގުޅޭކަންކަން ނިންމުމުގައި އިތުރު ލަސްތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ.

އުމުރުން 52 އަހަރުގެ ލީ އަކީ ދެކުނު ކޮރެއާގެ އެންމެ ވަރުގަދަ ވިޔަފާރިވެރިޔާއެވެ. މީގެ ކުރިންވެސް އޭނާވަނީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް، ޕާކް ގުން-ހޭގެ އަރިސް ބޭފުޅަކަށް ރިޝްވަތު ދިން މައްސަލައެއްގައި އެއް އަހަރު ދުވަސް ޖަލުގައި ހޭދަކުރައްވާފައެވެ. އޭނާއާއި ދެކޮޅަށް ކުރި ހުކުމް ފަހުން ވަނީ އިސްތިއުނާފު ކޯޓުން ހުއްޓުވާފައެވެ. އޭގެ އެއް އަހަރު ދުވަސް ފަހުން ދެކުނު ކޮރެއާގެ ސުޕްރީމް ކޯޓުންވަނީ އެ މައްސަލަ އަލުން ބެލުމަށް ހުކުމްކޮށްފައެވެ. މީގެ ކުރިން އޭނާ ޖަލުގައި ހޭދަކުރައްވާފައިވާ މުއްދަތަކީ އެންމެ ފަހުގެ ޖަލު ހުކުމުން ކެނޑޭނެ މުއްދަތެކެވެ.

ސޯލުގެ ހައި ކޯޓުން ވަނީ ރިޝްވަތު ދިނުމާއި، ފައިސާގެ އަސްލު އޮޅުވާލުމާއި ކުށްކުރުމަށް ބޭނުންކޮށްފައިވާ 7.8 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ ފޮރުވުމުގެ ކުށް ލީ އާއި ދެކޮޅަށް ސާބިތުވާކަމަށް ނިންމާފައެވެ. އެ ކޯޓުން ބުނީ ސެމްސަންގ ކުންފުނިން މިދިޔަ އަހަރުގެ ކުރީކޮޅުގައި ޤާއިމްކުރި އިންޑެޕެންޑެންޓް ކޮމްޕްލަޔަންސް ކޮމިޓީގެ މަސައްކަތްތައް އަދި ފުރިހަމައަށް ފެށިފައިނުވާކަމަށެވެ.

ސޯލުގެ ހައި ކޯޓުން ކުރި ހުކުމް ކުރިއަށްއޮތް ހަތް ދުވަހުގެ ތެރޭގައި ސުޕްރީމު ކޯޓުގައި އިސްތިޢުނާފު ކުރެވޭނެއެވެ. ނަމަވެސް ޤާނޫނީ މާހިރުން ބުނީ އެ މައްސަލައިގައި މީގެ ކުރިން އެންމެ މަތީ ކޯޓުން ނިންމުމެއް ނިންމާފައިވާތީ، ދަށު ކޯޓުގެ ހުކުމަށް ބަދަލެއް އަންނާނެކަމަށް ނުބެލެވޭކަމަށެވެ.

ލީއާއި ދެކޮޅަށް ކޮށްފައިވާ ހުކުމުގެ ސަބަބުން ސެމްސަންގ އިލެކްޓްރޯނިކްސްގެ ބޮޑެތި ނިންމުންތައް ނިންމުމުގައި އޭނާ އެއްފަރާތް ކުރާނެއެވެ. ވާދަވެރި ކުންފުނިތަކުގެ މައްޗަށް ކުރި ހޯދުމަށް ސެމްސަންގއިން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ލީގެ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ކުރިއަށްދާ ތަރިކައިގެ މަރުހަލާވެސް ސީދާ ލީއަށް ނުބެލެހެއްޓޭނެއެވެ.

ލީއާއި ދެކޮޅަށް ކުރި ހުކުމުގެ ސަބަބުން ސެމްސަންގެ ހިންގުމަށް ކުރާނެ އަސަރުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރިސާޗް ފާމެއްކަމަށްވާ ޗައެބުލް ޑޮޓް ކޮމްގެ ޗީފް އެގްޒެކެޓިވް، ޗަންގ ސަންސުޕް ވިދާޅުވީ މި ދަނޑިވަޅުގައި ލީ ނެތުމުން ސެމްސަންގެ ހިންގުމަށް ސީދާ އަސަރެއް ކުރާނެކަމަށް ނުބެލެވޭކަމަށެވެ. ލީގެ ބައްޕާފުޅުގެ ޒަމާނުގައި ކަންކަން ހިންގި ގޮތާއި ޚިލާފަށް ކުންފުނީގެ އެކި ކަންކަން ބަލަހައްޓާ އެ ކަންކަމާއިގުޅޭ ނިންމުންތައް މިހާރު ނިންމަނީ އެކި ދާއިރާތަކުގެ ސީއީއޯއިންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ދުރު ރާސްތާއަށް ވިސްނައި ނިންމަންޖެހޭ ނިންމުންތައް ނިންމައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުއްޓުމެއް އަތުވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޓުގެ ނިންމުމާއިއެކު ސެމްސަންގާއި ގުޅުންހުރި ކުންފުނިތަކުގެ ޙިއްޞާގެ އަގުތައް ވަނީ ވެއްޓިފައެވެ. ސެމްސަންގ އިލެކްޓްރޯނިކްސްގެ ޙިއްޞާގެ އަގު 3.4 އިންސައްތަ ވެއްޓިފައިވާއިރު އެއީ ފާއިތުވި ފަސް މަހުގެ ތެރޭގައި އެ ކުންފުނީގެ ޙިއްޞާގެ އަގު އެންމެ ދަށަށް ދިޔަ މިންވަރެވެ.