ބޮއިންގ ކުންފުނީގެ 727 މެކްސް މަރުކާގެ މަތިންދާ ބޯޓު ވިލާތުގައި ބޭނުންކުރުމުގެ ޙުއްދަ އަންނަ ހަފުތާގެ ތެރޭގައި ދޭނެކަމަށް ވިލާތުގެ އިއްތިޙާދުގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާބެހޭ އިދާރާ، އީޔޫ އޭވިއޭޝަން އޭޖެންސީ، އީސާއިން ބުނެފިއެވެ.
ބޯޓު ވެއްޓުމުގެ ހިތާމަވެރި ދެ ހާދިޘާއެއް މެދުވެރިވުމުން މަތިންދާ ބޯޓުގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދި، މެކްސް މަރުކާގެ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާލާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އޭގެ ފަހުން މެކްސް މަރުކާގެ މަތިންދާބޯޓުތަކަށް ގެނެސްފައިވާ ބަދަލުތައް އެންމެ ފަހުން ބަލައިގަންނަންް ނިންމާފައިވާ ރެގިއުލޭޓަރުންގެ ތެރޭގައި އީސާ ހިމެނެއެވެ.
އީސާގެ އެކްޒެކެޓިވް ޑިރެކްޓަރު ޕެޓްރިކް ކައި ވިދާޅުވީ މެކްސް މަރުކާގެ މަތިންދާބޯޓު ބޭނުންކުރުމުގެ ޙުއްދަ އަންނަ ހަފުތާގައި ދޭނެކަމަށް ބެލެވޭކަމަށެވެ. މެކްސް-200 މަރުކާގެ މަތިންދާ ބޯޓަށްދޭނީ ވަކި ޙުއްދައެއްކަމަށާއި، އެ ޙުއްދަވެސް ކުރިއަށްއޮތް ހަފުތާތަކުގެ ތެރޭގައި ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެއާއިއެކު އަންނަ ހޫނު މޫސުމުގެ ކުރިން މެކްސް މަރުކާގެ ބޯޓުތައް ވިލާތުގައި އަލުން އުދުހެން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން، އެފްއޭއޭ އަދި ބްރެޒިލުގެ ކަމާއިބެހޭ އިދާރާތަކުން ވަނީ މެކްސް މަރުކާގެ މަތިންދާ ބޯޓު އަލުން ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ. މެކްސް މަރުކާގެ މަތިންދާބޯޓެއް ފުރަތަމަ ވެއްޓިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އިންޑޮނޭޝިޔާގެ ބޭރުގައި އޮންނަ ޖާވާ ކަނޑުގެ ސަރަޙައްދަށް އެފަހަރު ވެއްޓިފައިވަނީ ލަޔަން އެއާގެ މަތިންދާ ބޯޓެކެވެ. ޖަކާޓާއިން ޕަންގކަލް ޕިނަންގއަށް ދިޔުމަށް އެ މަތިންދާބޯޓު ވައިގެ ބަނދަރުން ނައްޓާލުމުގެ 13 މިނެޓު ފަހުން ބޯޓު ވެއްޓުނު ހާދިޘާގައި އެ ބޯޓުން ދަތުރުކުރި 189 ފަސިންޖަރުންނާއި ފަޅުވެރިން ވަނީ މަރުވެފައެވެ.
އޭގެ ހަތަރު މަސް ދުވަސް ފަހުން ހަމަ އެ މަރުކާގެ އެތިއޯޕިއަން އެއާލައިންސްގެ މަތިންދާބޯޓެއްވެސް ވަނީ ވެއްޓިފައެވެ. އެ ޤައުމުގެ އެޑިސް އަބާބާ ބޯލް އިންޓަނޭޝަނަލް އެއާޕޯޓުން ޖޯމޯ ކެންޔާޓާއަށް ދިޔުމަށް 157 މީހުން ގޮވައިގެން ދަތުރުކުރި މަތިންދާބޯޓު ވެއްޓިފައިވަނީ ވައިގެ ބަނދަރުން ނައްޓާލިތާ ހަ މިނެޓު ފަހުންނެވެ. އެ ހާދިޘާގައިވެސް އެ ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ.
ދެ ހާދިޘާވެސް ހިންގާފައިވަނީ މަތިންދާބޯޓުގެ ފްލައިޓް ކޮންޓްރޯލް ސޮފްޓްވެއާއަށް ދިމާވި މައްސަލައެއްގެ ސަބަބުން، ނުބައި ވަގުތެއްގައި އެ ސޮފްޓްވެއާ މަސައްކަތްކުރަން ފެށުމުންނެވެ.
އިތިއޯޕިއާގެ މަތިންދާބޯޓު ވެއްޓުނުފަހުން އީސާއިންދަނީ މެކްސް މަރުކާގެ މަތިންދާބޯޓުތަކުގެ ފަރުމާ ވަރަށް ރަނގަޅަށް ދިރާސާކުރަމުންނެވެ. އެމެރިކާގެ އެފްއޭއޭއިންވެސް ވަނީ އެފަދަ ދިރާސާތަކެއް ކޮށްފައެވެ.
މެކްސް މަރުކާގެ މަތިންދާ ބޯޓުތައް އަލުން ޚިދުމަތަށް ނެރުމަށް ގެންނަންޖެހޭ ބަދަލުތަކުގެ ތެރޭގައި މަތިންދާބޯޓުގައި ބޭނުންކުރާ ކޮމްޕިއުޓަރ ސޮފްޓްވެއާ އައު ކުރުމާއި ވައިރުކޮށްފައިވާ ގޮތަށް ބަދަލުތައް ގެނައުމުގެ އިތުރުން ކޮކްޕިޓުގައި ބޭނުންކުރާ އާލާތްތަކަށް ބަދަލު ގެނައުން ހިމެނެއެވެ. އޭގެ އިތުރުން އެ މަތިންދާ ބޯޓު ދުއްވާ ޕައިލެޓުން ޚާއްޞަ ތަމްރީނުތައް ހެދުމާއި، މަތިންދާބޯޓަށް ބަދަލުގެނެސްފައިވަނީ ރަނގަޅަށްތޯ ބެލުމަށް ޓެސްޓު ފުލައިޓުތައް ބޭއްވުން ހިމެނެއެވެ. އެމެރިކާގެ އެފްއޭއޭއިންވެސް ވަނީ ހަމަ އެފަދަ ޝަރުތުތަކެއް ކޮށްފައެވެ.