ފަހުގެ ތާރީޚެއްގައި ބްރެޒިލާއި ވިލާތުގެ ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާ މީހުންނަށް އެމެރިކާއަށް އެތެރެ ނުވެވޭގޮތަށް އޮތް އިންތިޒާމު ބަދަލު ނުކުރައްވާނެކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަންގެ ތަރުޖަމާނަކު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވަނީ ބުރެޒިލް، އިނގިރޭސިވިލާތް، އަޔަލެންޑް އަދި ޝެންޒެން ސަރަޙައްދުގައި ހިމެނޭ 26 ޤައުމަކަށް ދަތުރުކޮށްފައިވާ އެމެރިކާގެ ރައްޔިތުން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއްހެން އެ ސަރަޙައްދުތަކަށް ދަތުރުކުރުމުގެ 14 ދުވަހުގެ ތެރޭގައި އެމެރިކާއަށް އެތެރެ ނުވެވޭގޮތަށް ހައްދަވާފައެވެ.
ނަމަވެސް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އިންތިޚާބީ ރައީސް ޖޯ ބައިޑަންއަށް ވެރިކަން ޙަވާލުކުރެއްވުމަށް ތައްޔާރުވަމުންދާ ރައީސް ޓްރަމްޕުވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެ ޤަވާއިދަށް ދެން ޢަމަލުކުރަން ނުޖެހޭނެކަމަށް ބުނެ ޤަރާރެއް ނެރުއްވާފައެވެ. ބައިނަލްއަޤްވާމީ ދަތުރުފަތުރާއިގުޅޭ ފިޔަވަޅުތަކަށް ލުއި ދިނުމަށް ޓްރަމްޕް ނިންމަވާފައި މިވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނަވާ އެންމެ ފަހު 48 ގަޑިއިރުގެ ތެރޭގައެވެ.
ޓްރަމްޕުގެ ނިންމުމާއި ގުޅޭގޮތުން ބައިޑަންގެ އިންތިޤާލީ ވަފުދުގެ ފަރާތުން ބުނީ ރައީސް ޓްރަމްޕު ނިންމަވާފައިވާ ގޮތަށް ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުގައި އެ ފިޔަވަޅުތައް ބައިޑަންގެ ސަރުކާރުން އުވައި ނުލާނެކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ޞިއްޙީ މާހިރުންގެ ލަފާގެ މަތިންކަމަށް ބައިޑަންގެ ޕްރެސް ސެކެޓްރީ، ޖެން ސާކީ ވިދާޅުވިއެވެ. ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި ބައިޑަންގެ ސަރުކާރުގެ ވިސްނުން ހުންނާނީ ބައިނަލްއަޤްވާމީ ދަތުރުފަތުރާއި ގުޅުންހުރި އާންމު ޞިއްޙަތާއިބެހޭ ފިޔަވަޅުތައް ވަރުގަދަކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި، އަދި ބަލިޖައްސާ ވައިރަހުގެ ވިރާސީ ބާރު އިތުރަށް ގަދަ ވައިރަސްތައް ފެތުރެމުންދާ އިރެއްގައި މިއީ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕުގެ ނިންމެވުމުގައިވާގޮތުން ފިޔަވަޅުތައް އުވާލައި ތާރީޚަކީ ބޭރު ޤައުމުތަކުން އެމެރިކާއަށް ދަތުރުކުރާ މީހުން އެ ޤައުމަށް އެތެރެވުމަށް ކޯވިޑް-19 ޖެހިފައިނުވާކަން ޔަޤީންކޮށްދޭ ނެގެޓިވް ނަތީޖާއެއް އޮތުމަށް މަޖުބޫރުވާ ތާރީޚެވެ.