ދުނިޔޭގެ ވިޔަފާރި

3 މަސް ދުވަސް ވަންދެން ނުފެނި ހުރުމަށްފަހު ޖެކްމާގެ ހިލަމެއްވެއްޖެ


ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް މަޝްހޫރު އަލީބާބާ ގުރޫޕުގެ ބާނީ ޖެކް މާ އާންމުންނަށް ފެނިލައިފިއެވެ.

ކެމެރާ ކުރިމަތިން އޭނާ ފެނިފައިވަނީ ވީޑިއޯ މެދުވެރިކޮށް ރަށްފުށު ހިސާބުގައި މަސައްކަތްކުރާ މުދައްރިސުންނަށް ދެއްވި މެސެޖެއްގައެވެ.

މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ޗައިނާގެ ރަސްމީ މާލީ އިދާރާތައް ހިންގާ ގޮތާއިމެދު ޖެކް މާ ހިތްހަމަނުޖެހުން ފައުޅުކުރެއްވުމާއިއެކު ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އޭނާގެ ވިޔަފާރިއަށްދަނީ ޗައިނާ ސަރުކާރުގެ ފަރާތުން ފިއްތުންތައް ކުރިމަތިވަމުންނެވެ. އެގޮތުން އަލީ ބާބާ ކުންފުނީގެ ދަށުން ހިންގާ ޖެކް މާގެ ފައިނޭސް ޓެކް ކުންފުނި، އޭންޓް ގްރޫޕް ކޯގެ 35 ބިލިއަން އެމެރިކާ ޑޮލަރުގެ އައިޕީއޯ ވަނީ ސަސްޕެންޑު ކޮށްފައެވެ. ހަމަ އެ ހަފުތާގެ ތެރޭގައި ސަރުކާރުގެ ރެގިއުލޭޓަރުންވަނީ އަލީބާބާ ކުންފުނި ތަހުގީގުކުރަން ފަށައިފައެވެ. އެ ނިންމުންތަކާއިއެކު ޖެކް މާ ވަނީ އާންމުންގެ ލޯ މަތިން ގެއްލިފައެވެ. ފާއިތުވި ހަފުތާތަކުގައި ޖެކް މާ ވީ ތަނަކާއިގުޅޭ ގޮތުން އެކި ގޮތްގޮތަށް ނޫސްތަކުގައާއި މީސްމީޑިޔާގައި ދިޔައީ ވާހަކަތައް ދެކެވެމުންނެވެ.

ޖެކް މާގެ ކުރު ވީޑިއޯކޮޅު އާންމު ކުރުމާއިއެކު އަލީބާބާ ގުރޫޕުގެ ޙިއްޞާގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ނަމަވެސް ޖެކް މާ ގެ ކުރިމަގާއިގުޅޭ ގިނަ ސުވާލުތަކެއްވަނީ އާންމުންނާއި އިންވެސްޓަރުންގެ ހިތުގައި އުފެދިފައެވެ.

މާ ގެ ވީޑިއޯކޮޅުގައި އޭނާގެ އުފަން އަވަށްކަމަށްވާ ހަންގޒޯގެ ޕްރައިމަރީ ސްކޫލެއް ބައްލަވާލައްވާ މަންޒަރުވަނީ ދައްކައިފައެވެ. އެ ވީޑިޔޯގައި ޖެކް މާ ވިދާޅުވީ މުޖުތަމަޢުން ތަހައްމަލް ކުރަމުންދާ އުނދަގޫތައް ޙައްލުކުރުމަށް އިތުރަށް ޚަރަދުކުރައްވާނެކަމަށެވެ. ޖެކް މާގެ ވާހަކަކޮޅުގައި ޗައިނާގެ ސަރުކާރާއިއެކު އުފެދިފައިވާ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޖެކް މާގެ ވާހަކަފުޅުގައި ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓު ޕާޓީގެ ޝުޢޫރުތަކާއި އެއްގޮތް ޝުޢޫރުތަކެއްވަނީ ފައުޅުކުރައްވާފައެވެ.

އޭންޓް ގުރޫޕު ކޯއިންވަނީ އެ ވީޑިއޯގެ ސައްޚަކަން ޔަޤީންކޮށްދީފައެވެ. ނަމަވެސް އެ ވީޑިއޯއާއިގުޅޭގޮތުން އެއްވެސް އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖެކް މާ ވީތަނެއް އަދިވެސް ސާފުވެފައި ނުވާއިރު އޭނާ ފެންނަ ވީޑިއޯއެއް އާންމުކުރުމުން އޭނާއަށް ވެދާނެ ގޮތްތަކާއިމެދު ދެކެވެމުންދާ ބައެއް ވާހަކަތަކަށް ހުއްޓުމެއް އަންނާނެކަމަށް ބެލެވެއެވެ. ހޮންގުކޮންގުގެ އަމިއްލަ އިކުއިޓީ ފަންޑެއްކަމަށްވާ ކައިޔުއާން ކެޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރެއްކަމަށްވާ ބްރޮކް ސިލްވާސް ވިދާޅުވީ ކުއްލި ގޮތަކަށް އާންމުންނަށް ގެއްލިވަޑައިގަތުމަށްފަހު ހަމަ އެހާ ކުއްލި ގޮތަކަށް އަލުން އާންމުންނަށް ޖެކް މާ ފެނިލުމަކީ ޖެކް މާއާއި ޗައިނާގެ ސަރުކާރާއި ދެމެދު އޮތް ގުޅުން ރަނގަޅުވަމުން އަންނަކަމުގެ ނިޝާނަކަށްވުން އެކަށީގެންވާކަމަށެވެ.