ދުނިޔޭގެ ވިޔަފާރި

ޓްރެޝަރީ ސެކްރެޓަރީގެ މަޤާމަށް ޔެލެން އައްޔަނުކުރުމަށް ކޮމިޓީން ރުހުންދީފި


އެމެރިކާގެ އައު ސަރުކާރުގެ ޓްރެޝަރީ ސެކްރެޓަރީގެ މަޤާމަށް ޖެނެޓް ޔެލެން އައްޔަނުކުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ފައިނޭންސް ކޮމިޓީން ރުހުން ދީފިއެވެ.

މަތިގޭގެ ފައިނޭންސް ކޮމިޓީން ޓްރެޝަރީ ސެކްރެޓަރީގެ މަޤާމަށް ޔެލެން އައްޔަނުކުރުމަށް ރުހުން ދިނުމުން، ޤަނޫނުހަދާ މަޖިލީހުގެ މަތިގެއިން އޭނާއަށް ރުހުން ލިބޭނެކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ޔެލެންއަށް ރުހުން ދީފިނަމަ އޭނާ ވެގެންދާނީ ޓްރެޝަރީ ސެކްރެޓަރީގެ މަޤާމަށް އައްޔަނުކުރާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

ޓްރެޝަރީ ސެކްރެޓަރީގެ މަޤާމަށް ޔެލެން ޢައްޔަނުކުރުމަށް ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ހުށަހެޅުން މަޖިލީހުގެ މާލީ ކޮމިޓީން ފާސްކޮށްފައިވަނީ އެ ކޮމިޓީގައި ތިއްބަވާ 26 މެންބަރުންގެ ރުހުމާއިއެކުގައެވެ. ރިޕަބްލިކަނުންނާއި ޑިމޮކްރަޓުން ހަމަހަމައަށް ތިއްބަވާ އެ ކޮމިޓީގެ ފުރިހަމަ އަޣުލަބިއްޔަތުން ޔެލެން އެ މަޤާމަށް ޢައްޔަނުކުރުމަށް ރުހުން ދީފައިވާތީ އެކަމަނާއަކީ ފުރިހަމައަށް މަޤާމު ޢަދާކުރެއްވުމުގެ ޤާބިލިއްޔަތުކަން ހުރި ބޭފުޅެއްކަން ވަނީ ހާމަވެގެން ގޮސްފައެވެ. ނަމަވެސް އެ ކޮމިޓީގައި ތިއްބަވާ ރިޕަބްލިކަން މެންބަރުން ވަނީ ކޯވިޑް-19އިން އަރައިގަތުމަށާއި، އުމްރާނީ އިންވެސްޓްމަންޓުތަކަށާއި ޓެކްސް އިތުރުކުރުމަށް ރައީސް ބައިޑަން ހުށަހަޅުއްވާފައިވާ ރޭވުންތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ބޭފުޅުން ވިދާޅުވީ އެ ހުރިހާ ކަންބޮޑުވުންތަކާއިއެކުވެސް ޔެލެންއަށް ރުހުން ދިނުމަށް ރިޕަބްލިކަން މެންބަރުން ނިންމާފައިވާ ނިންމުމުން ދޭހަކޮށްދެނީ ސަރުކާރާއިއެކު ރިޕަބްލިކަނުން މަސައްކަތްކުރުމަށް ބޭނުންވާކަން ކަމަށެވެ. ޔެލެންގެ ބައެއް ވިސްނުންފުޅާއިމެދު ރިޕަބްލިކަނުން ހިތްހަމަނުޖެހުނު ނަމަވެސް ރިޕަބްލިކަނުންނާއިއެކު މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ޔެލެން ދެއްވާފައިވާކަމަށް އެ ފަރާތްތަކުން ބުންޏެވެ.

އެމެރިކާގެ އައު ރައީސް ބައިޑަންވަނީ ކޯވިޑް-19ގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ރޭވުމެއް ހުށަހަޅުއްވާފައެވެ. އޭގެ އިތުރުން އުމްރާނީ ތަރައްޤީއާއި ހަކަތައިގެ މަޝްރޫޢުތަކަށާއި ތަޢުލީމާއި ދިރާސާއަށް ދެ ޓްރިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރައްވާނެކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ޔެލެންއަށް ރުހުން ދިނުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރައީސް ބައިޑަން ހުށަހަޅުއްވާފައިވާ ޢަދަދުތަކާއިމެދު ރިޕަބްލިކަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ޔެލެން ވަނީ ބައިޑަންގެ ހުށަހެޅުން ބަލައިނުގަންނަން ނިންމައިފިނަމަ ޤައުމުގެ އިޤްތިޞާދަށް ދިގު މުއްދަތަށް އޭގެ ގެއްލުންވާނެކަމަށާއި އިޤްތިޞާދު ކޮޅަށް ޖެހުމަށް ގިނަ ވަގުތު ނަގާނެކަމަށް ވިދާޅުވެފައެވެ. އަދި ވަޒީފާގެ ބާޒާރަށް ކުރިއެރުމެއް ނުލިބި އާމްދަނީ ދަށްވުމުގެ ފުރުޞަތު އޮތްކަމަށް އޭނާ ވިދާޅުވިއެވެ.