ޚަބަރު

ކައުންސިލް އިންތިޚާބު ފަސްކުރުމަށް ބޮޑު ދެ ޕާޓީން ތާއީދެއް ނުކުރޭ!


ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ ތާރީހަށް އިތުރަށް ބަދަލު ގެނެސް އިންތިޚާބު ފަސްކުރުމަށް ސިޔާސީ އެންމެ ބޮޑު 2 ޕާޓީ އެމްޑީޕީއާއި ޕީޕީއެމްއިން ތާއީދު ނުކުރާނެކަން ހާމަކޮށްފިއެވެ.

އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިންތިޚާބު ޖޫން މަހަށް ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއެކު އިންތިޚާބު މިއަހަރުގެ އޭޕްރީލްމަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ބޭއްވުނު އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެއްބަސްވާނަމަ، އިންތިޚާބު އޭޕްރީލްމަހުގެ 3 ވަނަ ދުވަހު ނުވަތަ 10 ވަނަ ދުވަހުގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތައްޔާރަށް ތިބިކަމަށެވެ.

އިންތިޚާބް ފަސްކުރުމަށް އިތުރު މަޝްވަރާތައް ކުރުމަށް އިލެކްޝަން ކޮމިޝަނުން ގޮވާލާފައި ގޮވާލުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އިންތިޚާބީ ކޮމިޓީގައި އިސްކޮށް ހަރަކާތްތެރިވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބު އިތުރަށް ލަސްކުރުމަކީ އެމްޑީޕީން ތާއީދު ކުރާނެކަމެއް ނޫންކަމަށެވެ. އެމްޑީޕީން ބޭނުންވަނީ އިންތިޚާބު މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ބާއްވައި، ޤާނޫނީ ގޮތުން ކައުންސިލްތަކަށް ދޭންޖެހޭ ބާރުދީ، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރާއްޖެ ހިންގުމުގެ ބާރު ދިނުމަށްކަމަށެވެ.

އިންތިޚާބު ނުބޭއްވި ލަސްވުމަކީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށްވެސް މިކަމުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާކަމަށްވާއިރު، އިންތިޚާބު އިތުރަށް ފަސްނުކޮށް އެޗްޕީއޭއިން މިހަފްތާގައި ކަނޑައަޅާ ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވޭނެ ޖާގަ ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. އަދި ގައިޑްލައިން ވެގެންދާނީ އިންތިޚާބު ބޭއްވުމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ފަދަ ގައިޑްލައިނަކަށްކަމަށް ދެކޭކަމަށްވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.

އިންތިޚާބު ފަސްކުރުމަށް އިލެކްޝަނުން އެދިފައިވަނީ ރާއްޖެއަށް ކޯވިޑްގެ ވެކްސިންވެސް ގެނެސް، ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންދާތީއާއި، ކަމާއިބެހޭ ފަރާތްތަކުގެ އަންދާޒާތަކުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭޕްރީލް މަހުގެ ކުރިން ވެކްސިން ދެވޭނެކަމަށް ލަފާކުރާތީއެވެ.

އިންތިޚާބު ފަސްކުރުމަށް ތާއީދު ނުކުރާކަން ހާމަކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ އޭޕްރީލްމަހު ބޭއްވުމަށް އިލެކްޝަނުން ކަނޑައަޅާ ކޮންމެ ތާރީހެއްގައިވެސް އިންތިޚާބު ބޭއްވުމަށްވެސް ތައްޔާރުކަމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން މިތާރީހުގައި އިންތިޚާބު ބޭއްވުމަށްވެސް ވަނީ ޝަރުތުތަކެއްކޮށްފައެވެ. އޭގެ ތެރޭގައި ކެމްޕެއިންކުރުމަށް ހަމަހަމަ ފުރުސަތު ދިނުމާއި، ދަތުރު ފަތުރު ކުރެވޭނެ ގޮތަކަށް ގައިޑްލައިނުން ޖާގަދިނުން ހިމެނެއެވެ.

އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ގައިޑްލައިނަށް ސިޔާސީ ޕާޓީތަކާއި އިލެކްޝަން ކޮމިޝަންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައިވާއިރު، އެޗްޕީއޭއިން ބުނެފައިވަނީ ފައިނަލް ގައިޑްލައިން ބަދަލުތަކާއިއެކު މިހަފްތާގައި އާންމު ކުރާނެކަމަށެވެ. އަދި ޤައުމީ ލަފާދޭ ކޮމެޓީގައި ފާޅުކުރެއްވި ޚިޔާލުތަކަށް ރިޢާޔަތްކޮށް އިންތިޚާބު ބޭއްވުމަށްޓަކައި ދެވޭނެ ލުއިތަކަކީ ކޮބައިތޯ ބަލައި އެކަންކަން މިހަފްތާގައި ނެރޭ ގައިޑްލައިނުގައި އާންމު ކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނޫނުގެ ގޮތުގައި މަޖިލީހުން ޚާއްސަ ޤާނޫނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނޫނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެއެވެ. އެހެންނަމަވެސް ޤާނޫނުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އިންތިޚާބެއް ނުބޭއްވޭނެއެވެ.

އިންތިޚާބު ޞިއްޚީ ކުއްލި ހާލަތުގައި ނުބޭއްވޭގޮތަށް އޮތް އޮތުން ބަދަލު ގެނެސް މިހާލަތުގައިވެސް އިންތިޚާބު ބޭއްވޭ ގޮތަށް މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ 21 ވަނަ ދުވަހު ތަސްދީޤު ކުރައްވާފައެވެ.