އެމްއެމްޕީއާރުސީން މެދުއިރުމަތީގެ ޤައުމުތަކުގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ޚާއްސަ މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕެއް ފަށައިފިއެވެ.
މިއީ މި އަހަރު އެކި މާކެޓްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މިފަދަ ދަތުރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަތުރުވެ. އެގޮތުން މިި ފެށި ފެމިލިއަރައިޒޭޝަން ޓްރިޕްގައި މެދުއިރުމަތީގެ މަޝްހޫރު ހަތަރު މީޑިއާ ކަމަށްވާ ސެވޮއަރ ފްލެއަރ، ދަ ނެޝަނަލް، މިލޭނިއަމް މިލިޔަނަރ އަދި ފެކްޓް އަބޫދާބީގެ ތަޖުރިބާކާރު ހަތަރު ނޫސްވެރިން ވަނީ ރާއްޖެ އައިސްފައެވެ.
އެމްއެމްޕީއާރުސީން ބުނީ މި ފެމިލިއަރައިޒޭޝަން ޓްރިޕްގެ މަޤްސަދަކީ ރާއްޖެއަކީ މެދުއިރުމަތީގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި ކޯމިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖެއަކީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ވެސް އެންމެ ރައްކާތެރި އަދި ހިތްގައިމު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަކީވެސް މީގެ މަގްސަދެއްކަަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި މީޑިއާ ޓީމުން ރާއްޖޭގައި ހޭދަކުރާ ހަ ދުވަހުގެ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު އަދި ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައެވެ. އެގޮތުން މި ރިސޯޓްތަކުން އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކާއި، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް
ރިސޯޓުން ކުރާ ކަންކަމުގެ އިތުރުން ތަފާތު ކެއުންތަކާއި މޫދުކުޅިވަރު ހަރަކާތްތަކުގެ އިތުރުން ކޮންމެ ރިސޯޓަކުން ވެސް ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުންނަ ތަފާތު އެކްސްޕީރިއަންސްތައް ދަތުރުގައި ބައިވެރިވާ ނޫސްވެރިން ތަޖުރިބާކުރާނެއެވެ.
އަދި މި ދަތުރަށްފަހު ދަތުރުގައި ބައިވެރިވި ކޮންމެ ނޫހެއްގެ ޕްރިންޓް، އޮންލައިން އަދި މީސްމީޑިއާގެ ޒަރިއްޔާއިން ރާއްޖޭގައި ލިބެން ހުންނަ ޚިދުމަތްތަކާއި ދަތުރުގައި ތިބި ކޮންމެ ރިސޯޓަކުން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތަކާ ބެހޭ އާޓިކަލް ޝާޢިރު ކުރާނެއެވެ. މި އާޓިކަލްތައް 3.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި ފެށިގެން އައި 2021 ވަނަ އަހަރާއެކު ވިޒިޓް މޯލްޑިވްސްއިން ވަނީ މެދުއިރުމަތީގައި ދިވެހި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި މުޅިން އާ ސްޓްރެޓެޖީތަކެއް ކަނޑައަޅާފައެވެ. މިއީ ކޯވިޑް-19ގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އައި ވަރަށް ފަތުރުވެރިން ގެނައުމުގެ މަގުސަދުގައެވެ. އެގޮތުން މި
އަހަރު މެދުއިރުމަތީގެ ގައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި އެމްއެމްޕީއާރުސީން ގިނަ މާކެޓިންގ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޖޮއިންޓް ޕްރޮމޯޝަންތަކާއި، މުހިންމު ޓްރެވަލް ޓްރޭޑް ފެއާތަކާއި ރޯޑްޝޯތަކުގައި ބައިވެރިވުން ހިމެނެއެވެ.
މީގެއިތުރުން ވެސް މެދުއިރުމައްޗަށް ހާއްސަކޮށް ރާއްޖެ އަކީ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ޢަރަބި ބަހުން ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި އެކި ހަރަކާތްތަކާއި ވާޗުއަލް ހަރަކާތްތައް ހިންގުމަށްވެސް އެމްއެމްޕީއާރުސީން ވަނީ ރާވާފައެވެ.
މިދިޔަ އަހަރު މެދުއިރުމަތިން ދިވެހިރާއްޖެއަށް ވަނީ 26288 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް ބޯޑަރު ހުޅުވާލުމަށް ފަހު ރާއްޖެއަށް މެދު އިރުމަތީގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.