ޚަބަރު

ކުރީގެ މެޓްރޯ ކެފޭގައި ދިރިއުޅުނު ތިން މީހަކު ޑިޓޮކްސް ސެންޓަރަށް


ކުރިން މެޓްރޯ ކެފޭ ހިންގި އިމާރާތުގައި ދިރިއުޅުނު ތިން މީހަކު ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލު ކޮށްފިއެވެ. މާލޭގައި ވަންނާނެ ގެދޮރެއްނެތި މަގުމަތިވެފައިވާ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ފަރާތްތަކެއް ކުރިން މެޓްރޯ ކެފޭ ހިންގި އިމާރާތުގައި ދިރިއުޅެމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު އެ ތަނަށް ގޮސް ފަރުވާ ބޭނުންވާ ތިން މީހަކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ހަވާލުގައި ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ އިމާރާތް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިމަސައްކަތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.

މާލޭގައި ވަންނާނެ ގެދޮރެއްނެތި މަގުމަތިވެފައިވާ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ދަށުން އެމީހުންގެ ޙާލަތު ބަލައި އެމީހުންނަށް ދޭންޖެހޭ ފަރުވާއާއި ފަހިކޮށްދޭންޖެހޭ ޚިދުމަތްތައް ފަހިކޮށްދިނުމަށް އެސެސްމެންޓް ހެދުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ވަނީ ފަށާފައެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ގަލޮޅު ދަނޑުގައި ޑިޓޮކްސިފިކޭޝަން ސެންޓަރެއް ޤާއިމުކޮށް ވަނީ ފަރުވާ ދީފައެވެ. އަދި މިޚިދުމަތް އިތުރަށް ފުޅާކޮށް މާލޭގައި ވަންނާނެ ގެދޮރެއްނެތި މަގުމަތިވެފައިވާ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ދަށުން ގުޅިފަޅުގައި ތަރައްޤީކޮށްފައިވާ ޑިޓޮކްސް ކޭމްޕެއްގައި އެމީހުން ބޭތިއްބުމަށްވެސް ވަނީ ނިންމާފައެވެ. މިއީ 100 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރަށް ތަރައްޤީކޮށްފައިވާ ކޭމްޕެކެވެ. މި ކޭމްޕަށް ގެންދާ މީހުންގެ ތެރެއިން މަސްތުވާތަކެތީގެ އަސަރު ބޮޑަށްކޮށް ސިވިއަރ ކޭސްތަކުގެ ގޮތުގައި ފާހަގަކުރެވޭ މީހުން ފަރުކޮޅު ފުށީގައި ޤާއިމުކޮށްފައިވާ ފެސިލިޓީއަށް އިތުރު ފަރުވާއަށް ގެންދިއުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މިހާރުވެސް މި ފެސިލިޓީގައި 4 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މި ކޭމްޕުން މީހާ ދޫކޮށްލާނީ އެމީހާއަށް މުޖުތަމަޢުގައި ޤަދަރުވެރި ދިރިއުޅުމެއް އުޅެވޭނެވަރަށް މަގުފަހިކޮށްދިނުމަށް ފަހުގައިކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭގައި ވަންނާނެ ގެދޮރެއްނެތި މަގުމަތިވެފައިވާ ފަރާތްތަކުގެ މައްސަލަ މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިހާރު މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން %15 އާޢިލާއަކީ ފަގީރުންގެ މިންގަނޑަށް ފެތޭ އާއިލާތައްކަމަށް ހައުސިންގް މިނިސްޓަރ އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މީގެ ތެރެއިންވެސް ގިނަ ބަޔަކު ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައިވާއިރު މި މީހުން ދިރިއުޅެމުންދަނީ ވަރަށްވެސް ދަތި ޙާލުގައެވެ. އެގޮތުން މީގެތެރެއިން ބައެއް މީހުން މީހުން ދިރިނޫޅޭ ވީރާނާވެ ހަލާކުވެފައިވާ ގޭގޭގައި ދިރިއުޅޭއިރު، ދަންވަރުވުމުން މިސްކިތްތަކާއި މާރުކޭޓް ގޮޅިތަކުގައި ނިދާ ކައިބޮއި ހަދައެވެ.