ޓިކްޓޮކުގެ އިންޑިޔާ ގޮފީގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށް ޓިކްޓޮކުން އިޢުލާނުކޮށްފިއެވެ. ޓިކްޓޮކުން އެފަދަ ފިޔަވަޅެއް އެޅުމަށް މަޖުބޫރުވެފައި މިވަނީ އެތައް މަހެއް ވަންދެން އިންޑިޔާގެ ސަރުކާރުން އެ ޤައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައިވަނިކޮށެވެ.
މިދިޔަ އަހަރުގެ ތެރޭގައި އިންޑިޔާއާއި ޗައިނާގެ އަސްކަރީ ފައުޖުތަކުގެ ދެމެދުގައި ކުރިމަތިލުމެއް ހިންގުމުން އިންޑިޔާގެ ސަރުކާރުންވަނީ ޗައިނާގެ ގިނަ އެޕްލިކޭޝަންތަކެއް އިންޑިޔާގައި ބޭނުންކުރުން މަނާކޮށްފައެވެ. ޗައިނާގެ އުފެއްދުންތަކާއި ޚިދުމަތްތައް ބޯއިކޮޓް ކުރުމަށްވެސް އިންޑިޔާގެ ގިނަ ޢަދަދެއްގެ މީހުންވެސް ވަނީ ގޮވައިލައިފައެވެ.
ޓިކްޓޮކުން ބުނީ އިންޑިޔާގައި މަސައްކަތްކުރާ މީހުން ވަޒީފާއިން ވަކިކުރުމަށް މަޖުބޫރުވެފައިވަނީ އިންޑިޔާގައި އެ އެޕު އަލުން ބޭނުންކުރުމުގެ ޙުއްދަ ދޭނެ އިރެއް ނުވަތަ ގޮތެއް ސާފުވެފައިނުވާތީކަމަށެވެ. ހަ މަހަށްވުރެ ގިނަ ދުވަސްވަންދެން އިންޑިޔާގައި ޓިކްޓޮކަށް މަސައްކަތްކުރާ 2000އަށްވުރެ ގިނަ މީހުންނަށް މުސާރަ ދެމުންދިޔަ ނަމަވެސް އެ ކުންފުންޏަށް މަސައްކަތްކުރާ މީހުންގެ ޢަދަދު މަދުކުރުމަށް މިހާރު މަޖުބޫރުވެފައިވާކަމަށް ޓިކްޓޮކުން ބުނެއެވެ.
ޗައިނާގައި މަރުކަޒުވެފައިވާ ކުންފުންޏެއްކަމަށްވާ ބައިޓްޑާންސް ކުންފުނީގެ ދަށުން ހިންގާ ޓިކްޓޮކުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ކިތައް މުވައްޒަފުންކަން ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާއިގުޅޭ އިތުރު ތަފްޞީލެއްވެސް މިހާތަނަށް ދީފައެއް ނުވެއެވެ. ޓިކްޓޮކަށް މަސައްކަތްކުރާ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް މި ނިންމީ މިދިޔަ ޖޫން މަހުގައި އިންޑިޔާގެ ސަރުކާރުން އެ ޤައުމުގައި ބޭނުންކުރުން މަނާކޮށްފައިވާ 59 އެޕެއް ދާއިމީކޮށް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާކަމަށް ބުނާ އަޑުތައް ފެތުރިފައިވަނިކޮށެވެ. ޤައުމުގެ އިސްތިގުލާލަށް ނުރައްކާވާކަމަށް ބުނެ އިންޑިޔާގެ ސަރުކާރުން ވަގުތީ ގޮތުން ބޭނުންކުރުން މަނާކޮށްފައިވާ އެޕުތަކުގެ ތެރޭގައި ޓިކްޓޮކްގެ އިތުރުން ޓެންސެންޓުގެ ވީޗެޓާއި އަލީބާބާގެ ޔޫސީ ބްރައުސަރު ހިމެނެއެވެ.
އިންޑިޔާގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައިވަނީ އެ ޤައުމުގެ 120 މިލިއަނަށްވުރެ ގިނަ މީހުން އެ އެޕްލިކޭޝަން ބޭނުންކުރަމުން ދަނިކޮށެވެ. އިންޑިޔާގެ ސަރުކާރާއި ޓިކްޓޮކާއި ދެމެދު ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އިންޑިޔާގެ ކަމާއިބެހޭ އިދާރާތަކާއި އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށް ޓިކްޓޮކުން ބުނި ނަމަވެސް އެކަމުގެ ސަބަބުން ޙާލަތަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަކަށް ނުބެލެވެއެވެ.