ޚަބަރު

ދިވެހި ޑިވެލޮޕަރުންގެ އުފެއްދުމަކަށް މައިކްރޯސޮފްޓްއިން އިންވެސްޓްކޮށްފި


ދިވެހި ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ ލޮޓީފައިލްސްއަށް މައިކްރޯސޮފްޓުން އިންވެސްޓް ކޮށްފިއެވެ.

ދިވެހި ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ އޮންލައިން ޕްލެޓްފޯމެއްކަމަށްވާ ލޮޓީފައިލްސްއަކީ ސެން ފްރެންސިސްކޯ އާއި ކުއަލަލަމްޕޫރްގައި 2018 ވަނަ އަހަރު ލޯންޗުކުރި ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމްއަށް މައިކްރޯސޮފްޓް ފަދަ މުޅި ދުނިޔޭގައި ފާހަގަކުރެވޭ ކުންފުންޏަކުން އިންވެސްޓް ކުރުމާއި ގުޅިގެން ރައީސުކްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވަނީ އެކުންފުނީގެ ފައުންޑަރުންނަށް މަރުހަބާ ދަންނަވާފައެވެ. ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހި ހުނަރުވެރިންތަކެއް މިފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުން ފަހުރުވެރިވެވަޑައިގަންނަވާކަމަށެވެ. އަދި ކުރިޔަށް އޮތްތާނގައިވެސް ކާމިޔާބަށް އެދޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒުވެސް ވަނީ ދިވެހި ޑިވެލޮޕަރުންގެ އުފެއްދުމަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އަދި މިފަދަ ކަންކަމަށް ދޭންޖެހޭ އެންމެހާ އެއްބާރުލުން ދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއް މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ މި އެޕްލިކޭޝަން 65 ހާހަށްވުރެ ގިނަ ކުންފުނިން އަންނަނީ ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ގޫގުލް، ޓިކްޓޮކް، ޑިޒްނީ، އަދި ނެޓްފްލިކްސް ހިމެނެއެވެ. މި ކުންފުނިތަކުގެ ޕްރޮޑަކްޓްތަކުގެ މޯޝަން ގްރެފިކްސް ހަދަން ލޮޓީ ބޭނުންކުރާއިރު މައިކްރޯސޮފްޓްގެ އިތުރުންވެސް އެތައް އިންވެސްޓަރުންނެއްގެ ޝައުގުވެރިކަން މި ކުންފުންޏަށް އަންނަނީ ލިބެމުންނެވެ.

މުޅި ދުނިޔޭގެ ޑިޒައިން އިންޑަސްޓްރީއަށް އިންގިލާބެއް ގެނުވި މި އެޕްލިކޭޝަންއަށް މިހާރު މިވަނީ މުޅި ދުނިޔޭގައިވެސް މަޝްހޫރު މައިކްރޯސޮފްޓް ކުންފުނިން އިންވެސްޓްކޮށްފައެވެ. ލޮޓީ އަށް މައިކްރޯސޮފްޓުން 9 މިލިއަން ޑޮލަރގެ ފަންޑިން ދީފައިވާކަމަށް ލޮޓީއިން ވަނީ އިއުލާންކޮށްފައެވެ. އަދި ލޮޓީން މައުލޫމާތުދޭ ގޮތުގައި މި ފަންޑް އެ ކުންފުނިން ބޭނުންކުރާނީ ކުންފުނިން މިހާރު އުފައްދަމުންދާ އެނިމޭޝަންތައް ތަރައްގީ ކުރުމަށާއި، ގިނަ މީހުންނާއި ހަމައަށް އަދިވެސް މި ޕްލެޓްފޯމް ފުޅާ ކުރުމަށެވެ.

މިހާރު އެންމެ ގިނައިން ޑައުންލޯޑްކުރާ އެޕްލިކޭޝަންތަކުގައި ލޮޓީގެ ފޯމެޓް ހިމެނެއެވެ. ލޮޓީ ފޯމެޓްގެ އެންމެ ހާއްސަ އެއްކަމަކީ މި ފޯމެޓްގެ ސަބަބުން ފައިލްގެ ސައިޒް ކުޑަވުމެވެ. ޑިޒައިނަރުންނާއި ޑިވެލޮޕަރުންގެ މަސައްކަތްތަކަށް ހޭދަވާ ވަގުތު ސަލާމަތްކޮށްދިނުމުގެ އިތުރުން ކޮންމެ ޕްލެޓްފޯމްއަކަށް ވަކި ޑިޒައިންއެއް ލޮޓީއިން ވަނީ ތައްޔާރުކޮށްފައެވެ.

ލޮޓީއަށް އިންވެސްޓްކުރި މައިކްރޯސޮފްޓް ކުންފުންޏަކީ މިފަދަ ވަރަށް ގިނަ ޕްލެޓްފޯމްތަކަށް އިންވެސްޓް ކުރާ ކުންފުންޏެކެވެ.