ހަތަރު ރަށެއްގައި އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ ބ.ތުޅާދޫއާއި، ތ.ވިލުފުށްޓާއި، ށ.ބިލަތްފަހި އާއި ހދ. މަކުނުދޫގައި އެއަޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން ހުޅުވާލި މިފުރުޞަތުގައި އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މިމަސައްކަތްތަކަށް އީ.އޯ.އައި ހުށަހަޅާއިރު އެއްލޮޓަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް އީ.އޯ.އައި ހުށަހެޅުމުގެ އިޚްތިޔާރު ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ލިބިގެންވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސް 31 ޖެނުއަރީ އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ފެބްރުއަރީ 15 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކަން ޔަގީން ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
4 އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު މިހާރުވެސް ގދ. ފަރެސްމާތޮޑާގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސަރުކާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ރަށުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި ވައިގެ ބަނދަރު ގާއިމް ކުރުމެވެ. ރާއްޖޭގައި މިހާރުވެސް 14 ޑޮމެސްޓިކް އެއާޕޯޓާއި ބައިނަލްއަޤްވާމީ ތިން އެއާޕޯޓު ހިންގައެވެ.