ޔޫއޭއީގައި މަސައްކަތްކުރާ ސައިންސުވެރިންނާއި ޑޮކްޓަރުންނާއި އެކި ދާއިރާތަކުގެ މާހިރުންނާއި، އިންވެސްޓަރުންނާއި އެމީހުން ޢާއިލާތައް ހިމެނޭގޮތަށް އެ ޤައުމުގެ ރަށްވެހިކަން ދެވޭގޮތަށް އެ ޤައުމުގެ ޤަނޫނަށް ބަދަލު ގެނެސްފިއެވެ.
ދުބާއީގެ އިސްވެރިޔާ އަދި ޔޫއޭއީގެ ނައިބު ރައީސް ޝެއިޚު މުޙައްމަދު ބިން ރާޝިދު އަލްމަޚްތޫމް ވިދާޅުވީ ޔޫއޭއީގެ ރަށްވެހިކަމާއިބެހޭ ޤާނޫނަށް ގެނެސްފައިވާ އައު އިސްލާހުތަކުގެ ދަށުން ވަޒީރުންގެ މަޖިލީހާއި ކޯޓުތަކާއި އެގްސެކެޓިވް ކައުންސިލުތަކުން ކޮންމެ ދާއިރާއަކުންވެސް ރަށްވެހިކަން ދިނުމަށް ޝަރުތު ފުރިހަމަވާ ފަރާތްތައް ހުށަހަޅާނެކަމަށެވެ. އަދި ޔޫއޭއީގެ ޕާސްޕޯޓު ލިބޭ ފަރާތްތަކަށް އެމީހުންގެ ރަށްވެހިކަން މިހާރު އޮންނަ ޤައުމުތަކުގެ ރަށްވެހިކަން އުވާލަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. ޔޫއޭއީގެ ސަރުކާރުން ބުނީ ޤާނޫނަށް ގެނައި ބަދަލުގެ ބޭނުމަކީ ޔޫއޭއީގައި މަސައްކަތްކުރާ ފަންނީ މީހުންގެ އަގުވަޒަންކޮށް، އެ ޤައުމުގައި މަސައްކަތްކުރުމަށް އެފަދަ އެހެން ފަންނީ މަސައްކަތްތެރިން ގަޔާކުރުވުންކަމަށެވެ.
މި ރޭވުމުގެ ދަށުން ރަށްވެހިކަން ލިބޭ މީހުންނަށް އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުގެ ބޭނުން ހިފޭނެކަން ސާފެއް ނުވެއެވެ. ޔޫއޭއީން އެ ޤައުމުގެ 1.4 މިލިއަނެއްހާ ރައްޔިތުންނަށް ހިލޭ ތަޢުލީމާއި، ޞިއްޙީ ޙިދުމަތް ދިނުމަށާއި ގެދޮރު ބިނާކުރުމަށް ލޯނުދިނުމަށާއި ހިލޭ އެހީ ދިނުމަށް އަހަރެއްގެ މައްޗަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދު ކުރެއެވެ.
ޔޫއޭއީގައި މަސައްކަތްކުރާ ބޭރު ޤައުމުތަކުގެ މީހުންނަށް އާންމުކޮށްދެނީ އަހަރުތަކަކަށްފަހު އައު ކުރަންޖެހޭ ވިސާއެކެވެ. އެ ވިސާ ދޫކުރުން ގުޅިފައިވަނީ އެމީހުންގެ ވަޒީފާއަށެވެ. ފާއިތުވި އަހަރުތަކުގައި ޔޫއޭއީގެ ސަރުކާރުން ވަނީ ވިޒާގެ ސިޔާސަތުތައް އިތުރަށް ފަސޭހަކޮށް، ބައެއް ކަހަލަ އިންވެސްޓަރުންނާއި ދަރިވަރުންނާއި މަސައްކަތްތެރިންނަށް ދިގު މުއްދަތަށް އެ ޤައުމުގައި ދިރިއުޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޔޫއޭއީގެ ސަރުކާރުން ވަނީ އެ ޤައުމުގެ 'ގޯލްޑެން' ވިޒާ ނިޒާމު ތަޢާރަފުކޮށްފައެވެ. އެ ނިޒާމުގެ ދަށުން ބައެއްކަހަލަ މަސައްކަތްތެރިންނާއި ޚާއްޞަ ޑިގުރީތަކަށް ކިޔަވާފައިވާ ފަރާތްތަކަށާއި ބައެއް އެހެނިހެން ފަރާތްތަކަށް 10 އަހަރުވަންދެން އެ ޤައުމުގައި ދެމިތިބެވޭގޮތަށް ވަނީ ހަމަޖައްސައިދީފައެވެ.
ތެލުގެ ވިޔަފާރިކުރާ ޔޫއޭއީގެ އިޤްތިޞާދަށް ކޯވިޑް-19ގެ ސަބަބުންނާއި ތެލުގެ އަގު ދަށްވުމުގެ ސަބަބުންވަނީ ބޮޑެތި ނޭދެވޭ އަސަރުތައް ކޮށްފައެވެ. އޭގެ ސަބަބުން އެ ޤައުމުގައި މަސައްކަތްކުރާ ބޭރު ޤައުމުތަކަށް ނިސްބަތްވާ އެތައް ހާސް މަސައްކަތްތެރިންވަނީ އެ ޤައުމު ދޫކޮށް ގޮސްފައެވެ.