ޗައިނާގެ ސްމާޓުފޯނު އުފައްދާ ކުންފުންޏެއްކަމަށްވާ ޝައޯމީ ކޯޕުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސާއި ޓްރެޝަރީ ޑިޕާޓްމަންޓާއި ދެކޮޅަށް ޤާނޫނީ މައްސަލައެއް ހުށަހަޅައިފިއެވެ.
ޝައޯމީ ކޯޕުން އެމެރިކާގެ ދެ ވުޒާރާއަކާއި ދެކޮޅަށް ވޮޝިންގޓަންގެ ޑިސްޓްރިކްޓު ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީ ޖަނަވަރީ މަހުގެ 29ވަނަ ދުވަހުއެވެ. އެ ކުންފުނިން ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ އެމެރިކާއިން ތައްޔާރުކޮށްފައިވާ ޗައިނާގެ އަސްކަރިއްޔާއާއި ގުޅުންހުރި ކުންފުނިތަކުގެ ލިސްޓަކުން އެ ކުންފުނީގެ ނަން އުނިކޮށްދިނުމަށެވެ. އަދި އެ ލިސްޓުގައި އެ ކުންފުނި ހިމެނުމަށް ނިންމާފައިވާ ނިންމުމަކީ ޤަނޫނާއި ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެ ކުންފުނީގެ ފަރާތުންވަނީ ކޯޓުގައި އެދިފައެވެ.
ޝައޯމީ ކުންފުނިން ބުނީ އެ ކުންފުނިން އެމެރިކާގެ ސަރުކާރާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ އެ ކުންފުނީގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައިކަމަށެވެ. ޗައިނާގެ އަސްކަރިއްޔާއާއި ގުޅުންހުރި ކުންފުންޏެއްގެ ގޮތުގައި އެމެރިކާގެ ސަރުކާރުގެ ފަރާތުން އެ ކުންފުނި ކަނޑައެޅުމަކީ ރަނގަޅު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ޖަނަވަރީ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އެމެރިކާގެ ރައީސްގެ މަޤާމުގައި ހުންނެވި ޑޮނާލްޑް ޓްރަންޕުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ޝައޯމީ ހިމެނޭގޮތަށް ޗައިނާގެ 8 ކުންފުންޏެއް ވަނީ ޗައިނާގެ އަސްކަރިއްޔާއާއި ގުޅުންހުރި ކުންފުނިތަކެއްގެ ގޮތުގައި ކަނޑައަޅައި ލިސްޓުކޮށްފައެވެ. އޭގެ ސަބަބުން އެ ކުންފުނިތަކަށް އިންވެސްޓުކޮށްފައިވާ އެމެރިކާގެ ރައްޔިތުންގެ އިންވެސްޓުމަންޓުތައް ވަކި ތާރީޚެއްގެ ކުރިން ކަނޑާލުމަށް އެ ފަރާތްތަކަށް ވަނީ މަޖުބޫރުވެފައެވެ.
ޝައޯމީއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން ވޯޓުލުމުގެ ހައްޤުގެ 75 އިންސައްތަ ޙިއްޞާކުރަނީ އެ ކުންފުނީގެ ދެ ބާނީންކަމަށްވާ ލިން ބިންއާއި ލެއި ޖަންއެވެ. އިތުރު އެއްވެސް ފަރާތެއް ނުވަތަ ޗައިނާގެ އަސްކަރިއްޔާއާއި ގުޅުންހުރި އެއްވެސް އިދާރާއެއްގެ ބާރު އެ ކުންފުނީގެ މައްޗަށް ނުހިންގާކަމަށް ޝައޯމީއިން ވަނީ ބުނެފައެވެ.